ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ އިން އިއްޔެ ކުރި މުޒާހަރާއަށް އިޝާރާތް ކުރައްވައި، މިފަދަ ކަންކަމަކީ، ހުރިހާ މުއައްސަސާއަކަށްވެސް، އެ މުއައްސަސާތަކުގައި ކަންތައްތައް ހިނގަމުންދާގޮތް ދެނެގަނެ، ކަންކަން ރަނގަޅު ކުރުމަށް ލިބޭ ފުރްޞަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އެމް.ޑީ.ޕީ އިން ފާހަގަކުރަމުން ގެންދަނީ، ރާއްޖޭގައި ޝަރުޢީ ކަންކަން ހިނގަމުންދާގޮތާ ގުޅޭގޮތުން އެ ޕާޓީގެ ބޭފުޅުންގެ ހިތްހަމަނުޖެހުންތަކެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އެންމެހާ ރައްޔިތުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިމިވާ ޑިމޮކްރެޓިކް އުޞޫލުތަކާ އެއްގޮތަށް އެންމެހާ ކަންކަންވެސް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޝަރީޢަތުގެ ކަންކަންވެސް، ޤާނޫނުހަދާ މަޖިލީހުގެ ކަންކަންވެސް އަދި ވެރިކަންކުރާ ފަރާތުގެ ކަންކަންވެސް އެއީ ތަހުޒީބީ ގޮތުގައި ހިނގާ ކަންތައްތަކަކަށްވުމަކީ، އަޅުގަނޑުމެން އެންމެންގެވެސް އެދުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، [ހުބަސާނަ 2011]ގެ ނަމުގައި އާދައިގެ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ އުފެއްދުންތަކާއި، ދިވެހި ފަންނާއި ޘަޤާފަތް ދައްކައިދޭ ފެސްޓިވަލްތަކެއް ބޭއްވުމަށް ހަމަޖެހި، ފުރަތަމަ ފެސްޓިވަލް، އައްޑޫސިޓީގެ މަރަދޫފޭދޫ ޒުވާނުންގެ މަރްކަޒުގައި އިއްޔެ ފެށިފައިވާތީ، މި ފެސްޓިވަލްގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވިޔަފާރި ކުރިއެރުވުމަށް އެހީވެދޭ މަރްކަޒުން ބޭއްވެވުމަށް ހަމަޖެއްސެވި ތިން ފެސްޓިވަލްގެ ތެރެއިން ދެވަނަ ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ނޮވެމްބަރު މަހުގެ 8 ން 10 އަށް ސާކް ކޮންވެންޝަން ސެންޓަރުގައި ކަމަށާއި، މިއީ ހަމައެކަނި ސާކް ޑެލިގޭޓުންނަށް ޚާއްޞަ ކުރެވިފައިވާ ފެސްޓިވަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 3 ވަނަ ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ ޑިސެމްބަރ މަހުގެ 1 ން 3 އަށް ހަނިމާދޫ އިޖްތިމާޢީ މަރްކަޒުގައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި މި ބާއްވާ ދިވެހި ފަންނާއި ޘަޤާފަތް ދައްކައިދޭ ފެސްޓިވަލްތަކުގެ އެންމެބޮޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ އަމިއްލަ އުފެއްދުންތަކާއި، ދިވެހި ފަންނާއި ހުނަރާއި، ޘަޤާފީ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، މިފަދަ މަސައްކަތްތައް ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަރުދަނާ މާރުކޭޓެއް ޤާއިމްކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، މިފަދަ ދިވެހި އުފެއްދުންތައް ތަޢާރުފްކޮށް ވިއްކުމަށް މަގު ތަނަވަސްކޮށްދެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކް ސަމިޓްގެ ގިނަގުނަ މަންފާ، ރާއްޖޭގެ ދެކުނަށް ލިބެމުންދާއިރު، މި ސަމިޓާ ގުޅުންހުރި ފައިދާ ވަނީ، މުޅި ރާއްޖެއަށް ފެތުރިފައި ކަމަށް ވިދާޅުވެ، އެކަމުގެ މިސާލެއް އެމަނިކުފާނު، ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ އުތުރުގެ ރަށެއް ކަމަށްވާ ކަނޑިތީމުގެ ރައްޔިތުން އެކަނިވެސް ގަމުގެ އެއަރޕޯޓްގައި ސާކް ސަމިޓާ ގުޅުންހުރި މަސައްކަތް ކޮށްގެން، އުޖޫރައިގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިއީ ހަމައެކަނި ދޮޅުމަސްދުވަހުގެ މަސައްކަތުން އުތުރުގެ ފަންނުވެރި މަސައްކަތްތެރި ބަޔަކަށް ލިބުނު ވަރަށް ރަނގަޅު އާމްދަނީއެކެވެ. ދަތުރުފަތުރުގެ ނިޒާމާއި، ޚިދްމަތްތަކާއި މުދާ މުޅި ރާއްޖެއަށް ފެތުރިގެންދާ މިންވަރާ، މިކަމާވެސް ގުޅުންތައް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.