ފުވައްމުލަކުގައި ބާއްވާ ސާކް ޤައުމުތަކުގެ 25 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުން ދެކުނު އޭޝިޔާގެ ކްރިކެޓްގެ ވަރަށްމޮޅު ހުނަރުތަކެއް ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި މުބާރާތުގެ ގުރުއަތުލުމަށް މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާކް ސަމިޓާ ގުޅުވައި، މިމަހުގެ 31 ން އަންނަ ނޮވެމްބަރު މަހުގެ 7 އަށް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިމިވާ ކްރިކެޓް މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިންނާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިންނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނާއި، ސާކް ޓާސްކްފޯހުންނާއި އަދި އެނޫންވެސް އެހެން ފަރާތްތަކުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތަކީ، އަޅުގަނޑުމެންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނެ މުބާރާތަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް، މިމުބާރާތުން މޮޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކް ސަމިޓްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަންވެސް ފާހަގަކުރެއްވިއެވެ. އަދި ނުހަނު ގިނަ މަސައްކަތްތައް އެއްފަހަރާ ކުރެވެމުންދާ ކަމަށާއި، އެހުރިހާ މަސައްކަތްތައް އެކީގައި އިރާދަކުރެއްވިއްޔާ ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.