ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާގެ ސިޗުއާން ޔުނިވަރސިޓީގައި ތަޤްރީރު ކުރައްވައިފިއެވެ. ނައިބު ރައީސްގެ ތަޤްރީރުގައި، މައިގަނޑު ގޮތެއްގައި ބައްލަވާލެއްވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށާއި، ތިމާވެށީގެ ނުރައްކާތަކުން ރާއްޖެ ޙިމާޔަތް ކުރެއްވުމަށް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ބެހޭގޮތުންނާއި، ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށެވެ.

ނައިބު ރައީސްގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ހަމައެކަނި ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކެއް ނޫން ކަމަށާއި، ރާއްޖެފަދަ ތިރި ޖަޒީރާ ޤައުމުތަކަށްވެސް ކުރިމަތިވެފައިވާ މައްސަލަތަކެއް ކަމަށް ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކާ އަޅާނުލާ ތިބެއްޖެނަމަ، އެ މައްސަލަތައް މާދަމާ އެހެން ޤައުމުތަކަށްވެސް ކުރިމަތިވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.