ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، 12 ވަނަ ވެސްޓަން ޗައިނާ އިންޓަރނޭޝަނަލް ފެއަރ މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ފެއަރ ހުޅުއްވައިދެއްވުމަށްފަހު ބޭއްވުނު ފޯރަމެއްގައި ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން، މިއަދު މިގުޅުންވަނީ ކުރިއަށްވުރެ ބަދަހިވެ، ވަރުގަދަވެފައި ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ވެދެއްވާފައިވާ ތަފާތު އެހީތައް ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ ކުންފުނިތަކުން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގަޔާއި، ގެދޮރު ޢިމާރާތް ކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި އިންވެސްޓް ކުރަމުން އެބަގެންދާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިފަދަ ފޯރަމެއްގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ތަފާތު އެކި ގޮންޖެހުންތަކާ އޭޝިޔާގެ ޤައުމުތައް މިއަދު ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި، މިސަރަޙައްދުގެ ޤައުމުތަކުގެ އިޤްތިޞާދު ތަރައްޤީކޮށް ހަރުދަނާ ކުރުމާއި، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ތަނަވަސްކޮށްދިނުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ޤައުމުތަކަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް ޙައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްނުޖެހުން ހިމެނޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވައި، ރާއްޖެއަށް ތިމާވެށީގެ ރޮނގުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ފޯރަމްގެ ބައިވެރިންނާ ޙިއްޞާ ކުރެއްވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، ޗައިނާގެ ޕާލަމެންޓްގެ ޑެޕިއުޓީ ސްޕީކަރއާ މިއަދު ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ޗައިނާގެ ޔުނިވަރސިޓީތަކުން ދިވެހި ކުދިންނަށް އިތުރު ފުރްޞަތު ހޯއްދަވައިދެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.