ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރު އަދި ޖިންތައި އާރޓް މިއުޒިއަމްގެ ކިއުރޭޓަރ މިސްޓަރ ޔުއާން ޝީކުން އާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބެމުންދަނީ ދިވެހިރާއްޖެފަދަ ކުދި ޤައުމުތަކަށްވެފައި، މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ޙައްލެއް ހޯދަން ރާއްޖެއާއި ޗައިނާއާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނެވެ.
ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރު އަދި ޖިންތައި އާރޓް މިއުޒިއަމްގެ ކިއުރޭޓަރ މިސްޓަރ ޔުއާން ޝީކުން ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން ރާއްޖެއަށް ވެދެވެންއޮތް އެއްބާރުލުމެއް ދެއްވައި، އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން، ދެޤައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި، އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ޖިންތައި އާރޓް މިއުޒިއަމްގެ ފަރާތުން ޗައިނާގެ ސަޤާފަތް ރަމްޒުކޮށްދޭ ހަދިޔާއެއް މިސްޓަރ ޔުއާން ޝީކުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.