ޖަޕާނުގެ ވައިސް މިނިސްޓަރ އޮފް އިންޓަރނަލް އެފެއާޒް އެންޑް ކޮމިޔުނިކޭޝަން ޓަކަޝީ މޮރިޓާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، މިއަހަރު ކުރީކޮޅު ޖަޕާނަށް ކުރިމަތިވި ސުނާމީގެ ކާރިޘާއާ ގުޅިގެން، ރާއްޖެއިން ފޯރުކޮށްދީފައިވާ އެހީތަކަށްޓަކައި، ވައިސް މިނިސްޓަރ މޮރިޓާ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކަރަންޓު އުފެއްދުމަށް ތިމާވެއްޓާ ރައްޓެހި ނިޒާމެއް ޤާއިމް ކުރުމަށް ޖަޕާނުގައި ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން ޖަޕާން ސަރުކާރުން ވެދެއްވާފައިވާ އެހީފުޅުތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ވައިސް މިނިސްޓަރ މޮރިޓާއަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ކުރިއަށް މިއޮތް 17 ވަނަ ސާކް ސަމިޓްގައި، ޖަޕާނުން އޮބްޒަރވަރެއްގެ ގޮތުގައި ޙަރަކާތްތެރިވާނެކަން ފާހަގަކުރައްވައި، ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން އުފައްދާފައިވާ ސައުތު އޭޝިޔަން ޑިވެލޮޕްމަންޓް ފަންޑްސްއަށް ޖަޕާނުން ވެދޭ އެހީތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ(ނ.ޢ.ޢ.ވ)އާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން މުޙަންމަދު ޢާދިލް ސަލީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓުއަރިޒަމް އާޓްސް އެންޑް ކަލްޗަރ ޠައްޔިބު މުޙަންމަދު ވަޙީދާއި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޗެއަރމަން މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.