ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޔޫ ހޮންގްޔާއޮ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޗައިނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުންދާކަމާއި، ރާއްޖޭގައި އިންވެސްޓް ކުރުމަށް ޗައިނާގެ ވިޔަފާރިވެރިން ބަހައްޓާ ޝައުގުވެރިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އެޤައުމުގެ އެމްބަސީއެއް ޤާއިމްކުރެވުމުން، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ފަސޭހަވެގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޗައިނާ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތަކަށާއި، ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކުގައި ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޗައިނާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.