އަންނަ މަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓުގެ މަސައްކަތްތައް ރޭވެމުންދާގޮތާއި، ސަމިޓަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނޫސްވެރިންނާ ޙިއްޞާ ކުރައްވައިފިއެވެ. މިމަޢުލޫމާތުތައް އެމަނިކުފާނު ޙިއްޞާ ކުރެއްވީ، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު 11 ޖެހިއިރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސާކް ސަމިޓުގެ ޝިޢާރު ކަމަށްވާ "ބިލްޑިންގ ބްރިޖަސް"ގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ބާރުއަޅުއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން، ސާކް ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ސަމިޓުގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަމިޓުގެ ދުވަސްވަރު ބާއްވަވާ އެކިއެކި ސަރަޙައްދީ މަޝްވަރާތަކުގެ އެހީގައި އެކި ޤައުމުތަކުގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތައް ނައްތާލުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކް ޤައުމުތަކުގެ މެދުގައި ތަފާތު ދާއިރާތަކުން ޤާއިމްކުރެވޭ ގުޅުންތަކުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. މިގޮތުން ދަތުރުފަތުރާއި، މުވާޞަލާތާއި، އަދި އައި.ޓީ ދާއިރާއިން ގުޅުންތައް ޤާއިމުކުރުމަށް ވެވޭ އެއްބަސްވުންތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ސާކްގެ އެއްޤައުމުން އަނެއް ޤައުމަށް ހުއްޓުމެއްނެތި ރޭލް ދަތުރުތައް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ވެވޭ ރެއިލްވޭޒް އެއްބަސްވުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މިއެއްބަސްވުމުގެ ސަބަބުން ވިޔަފާރި މުދާ ބަދަލުކުރުންވެސް ވަރަށް ބޮޑަށް ފަހިވެގެންދާނެއެވެ.

ސާކް ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިތަކުގައި ބަދަލުކުރެވޭ މުދަލުގެ ސެންސިޓިވް ލިސްޓްގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، 60 އިންސައްތަ މުދަލުގެ ބާވަތް އުނިކުރުމަށް ހުރިހާ ޤައުމަކުންވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ސާކް ޤައުމުތަކުގެ މެދުގައި އިންވެސްޓްމަންޓް ޕްރޮޓެކްޝަން އެގްރީމަންޓެއް ޤާއިމްކުރެވުމުން، އެއްޤައުމުން އަނެއް ޤައުމުގައި ކުރާ އިންވެސްޓްމަންޓްތަކަށް އިތުރު ހިމާޔަތެއް ލިބިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސާކް ޤައުމުތަކުގެ މެދުގައި މޮޓޯ ވެހިކަލްސް އެގްރީމަންޓެއްގައި ސޮއިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވަމުން، މިކަމުގެ ސަބަބުން، އެއްޤައުމުން ދީފައިވާ ލައިސަންސް އަނެއްޤައުމުގައި ބޭނުންކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަމިޓުގެ އެންމެ ބޮޑު އަނެއް ބޭނުމަކީ އައްޑޫގައި ސިޓީއެއް ތަރައްޤީ ކުރެއްވުން ކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން ސަމިޓަށްޓަކައި އައްޑޫސިޓީއަށް ގެނެވޭ ޢުމްރާނީ ތަރައްޤީގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ސާކް ސަމިޓް ނިމުމުން، ކޮންވެންޝަން ސެންޓަރ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހޮޓަލަކާ އެކީގައި ހިންގުމަށް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް، އައްޑޫ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޓުއަރިޒަމް، އާޓްސް އެންޑް ކަލްޗަރުން މިހާރުވެސް ކުރިއަށް އެބަ ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސާކް ސަމިޓުގެ މަޢުލޫމާތުގެ އިތުރުން، ރުވާންޑާގެ ރައީސް ޕޯލް ކަގާމީ ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ސާކް ސަމިޓާ ގުޅޭގޮތުންނާއި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވިއެވެ.