ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި، މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. ނައިބު ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ބައިވެރިވެވަޑައިގަންނަވައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅަކީ، ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި، އެ ޕްރޮވިންސްގެ ޔުނިވަރސިޓީގައި ނައިބު ރައީސް ތަޤްރީރު ކުރައްވާނެއެވެ. އަދި ވެސްޓަން ޗައިނާގެ ވިޔަފާރިއާބެހޭ ބައްދަލުވުމެއްގައި، އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ޗައިނާގެ ބައެއް މަޝްރޫޢުތައް ހިނގަމުންދާގޮތް ބައްލަވާލައްވާނެއެވެ.

މިދަތުރުފުޅުގައި، ޗައިނާގެ އިންވެސްޓަރުންނާވެސް ނައިބު ރައީސް ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދެއްވާނެއެވެ. މީގެ ތެރޭގައި، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ޗައިނާގެ ވަރަށް ބޮޑު ކުންފުންޏެއް ހިމެނެއެވެ.

ނައިބު ރައީސް، މިދަތުރުފުޅުގައި މިއަދު ފުރާވަޑައިގަތުމުގެ ކުރިން، ދަތުރުފުޅާބެހޭ މިދެންނެވި މަޢްލޫމާތު ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.