ނޯވޭ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިލްޑާ ހެރަލްޑްސްޓެޑް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހަވީރު ހިލާލީގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އަންނަ ނޮވެމްބަރުމަހު އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކާއި، ސާކް ސަމިޓްގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ އެކި ޙަރަކާތްތަކުގެ މަޢްލޫމާތު، ނައިބު ރައީސް، ނޯވޭ ސަފީރަށް އެރުވިއެވެ. އަދި ސާކް ސަމިޓާ ގުޅިގެން، އައްޑޫސިޓީގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢްލޫމާތާއި، އައްޑޫގައި ސަރުކާރުން ހިންގަވަމުން ގެންދަވާ ތަފާތު މަޝްރޫޢުތަކުގެ މަޢްލޫމާތުވެސް އެރުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ތެލުގެ ހަކަތައިގެ ބަދަލުގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިރޮނގުން ދެއްކެވި ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުމަކީ، ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، އެއީ، އިޤްތިޞާދީ މައްސަލައެއްގެ ގޮތުގައިވެސް ބަލަންޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ނޯވޭ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރުމަށް ކުރެވެމުންދާ ކާމިޔާބު މަސައްކަތްތަކަށް މަރްޙަބާ ވިދާޅުވިއެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ނޯވޭއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.