ޑީސަލްގެ ޑިއުޓީ 50 ޕަސެންޓް ކުޑަކުރައްވައިގެން، މަސްވެރިންގެ ސަބްސިޑީ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި ޢަދަދަށްވުރެ ބޮޑުކޮށްދެއްވައި ނިންމަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަހަރުގެ މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް ނ. ކެނދިކުޅުދޫގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރު ޑީސަލްގެ ޑިއުޓީއަށް 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރައްވައިގެން، އޭގެ ތެރެއިން 250 މިލިއަން ރުފިޔާ މަސްވެރިންނަށް ދެއްވީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދުގެ ލާމެހިފައިވާ ދުނިޔޭގައި އަޅުގަނޑުމެން މި އެދޭ ތަރައްޤީއަކީ، ޤައުމުގެ އަސްދަނޑިން ބޭރަށް ނުގޮސް ހޯދޭނެ އެއްޗެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މަސައްކަތްތެރިކަމުގެ ދާއިރާގައި ބޭނުންތެރި ހުރިހާ ހުނަރެއްވެސް އެނގިފައި ތިބުން މުހިންމު ކަމުގައި ވިދާޅުވެ، މަސްވެރިކަމާއި ދަނޑުވެރިކަމަކީ، މިއަދުގެ ދުނިޔޭގައި ބަދަލުވަމުން އަންނަ ދެ ސިނާޢަތުކަން ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވިއެވެ.

މަސްވެރިކަމަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިނާޢަތް ކަމަށާއި، މަސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން އެތައް މަޝްރޫޢެއް ހިންގަވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އެސް.އެމް.އެސް އެއް ނުވަތަ ފޯން ކޯލެއް މެދުވެރިކޮށް މަސްވެރިކަމާބެހޭ ތަފާތު މަޢުލޫމާތު ހޯދޭނެ ނިޒާމެއް ޤާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރު ޙިއްޞާވާ މަސްވެރިކަމުގެ ކުންފުނި ކަމަށްވާ މިފްކޯގެ ދަށުގައި އޮތް ފެލިވަރު ކާރުޚާނާއާއި، ކޫއްޑޫ ފިޝަރީޒްގެ ހިންގުން ވަކިކޮށް، ތިން ކުންފުންޏެއްގެ ގޮތުގައި، ޚަރަދާއި އާމްދަނީ އެއްވަރުވާ ގޮތެއްގައި އެތަންތަން މިހާރު ހިނގަމުންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަޅުބިލަމަހުގެ މަސްވެރިކަމުގެ އިތުރަށް، ރާއްޖޭގެ ކަނޑުތަކުން ލިބޭ އެހެން ދިރުންތަކުންވެސް މަސްވެރިކަން ކުރިއެރުވިދާނެކަން ފާހަގަކުރެއްވިއެވެ. އަދި ޞިނާޢީ މިންވަރަށް އެހެން މުއްސަނދި ކަމެއް ތަރައްޤީ ކުރުމަށްޓަކައި ކެނދިކުޅުދޫގައި ފަށްޓަވާފައިވާ ހުއިފިލަނޑާ ދިރުވައި އާލާކުރުމުގެ މަޝްރޫޢޫގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. އަދި ހުއިފިލަނޑާ ނޫނަސް އެހެން ދިރުންތައްވެސް ދިރުވައި އާލާކޮށް، އޭގެ ވިޔަފާރި ކުރެވިދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް، އިމްޕޯޓްކުރާ ދަނޑުވެރިކަމުގެ ބާވަތްތަކުން %20 ދަށްކުރެވިފައިވާ ކަމަށާއި، މީގެ ސަބަބުން، ކާބޯތަކެތީގެ އަގު ދަށްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ދަނޑުތަކަށް ލިބޭ ގެއްލުންތަކަށް ބައްލަވާލައްވަމުން، ހުރިހާ ޙައްލަކީ ބޭހެއް ނޫން ކަމަށާއި، ދަނޑުތަކަށްޖެހޭ ބަލިތަކުން ފަނިފަކްސާ ބޭނުންކޮށްގެން ދަނޑުތައް ސަލާމަތް ކުރެވޭނެ ގޮތްތައް ހޯދޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައި، މި ދެ ދުވަހުގެ މުނާސަބަތާ ގުޅުއްވައިގެން، ސަރުކާރުން ދެއްވި އެކިއެކި އިނާމުތައް ދެއްވުން އޮތެވެ. އަދި ދަނޑުވެރިކަމާބެހޭ ފޮތެއް ކަމަށްވާ "މިރުސް" ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިދެއްވިއެވެ.