ޤައުމީ ފެންވަރުގައި މަސްތުވާތަކެތީގެ ސަރވޭއެއް ހިންގުމުގެ ސަބަބުން، މުޖުތަމަޢުގައި މަސްތުވާތަކެތީގެ ހޭލުންތެރިކަން އިތުރުވެ، މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާ ބެހޭގޮތުން މީހުންކުރާ ކުށްހީތަކުން ސަލާމަތްވެ އަދި އެކުދިންނަށް ފަރުވާދިނުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، "ނޭޝަނަލް ޑްރަގް ސަރވޭ – މޯލްޑިވްސް 2011، ޓްރެއިނިންގ ޕްރޮގްރާމް ފޮރ އެނިއުމަރޭޓަރސް އެންޑް ސުޕަރވައިޒަރސް"ގެ ނަމުގައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ގުޅިގެން ހިންގެވި ތަމްރީނު ޕްރޮގްރާމް ނިންމުމަށް، ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް ސެންޓަރުގައި މިރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިން ސަލާމަތްކޮށް، ފަރުވާއަށް ގެންދިއުމަށް ރާއްޖޭގައި ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިސަރވޭގެ ސަބަބުން، މި މަސައްކަތް ކާމިޔާބު ވެގެންދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ވިޔާނުދާ ޢަމަލެއް ނުވަތަ ކަމެއް ކޮށްފިނަމަ، އެކަމެއްގެ އިހުމާލު އަޅުވަނީ، މަސްތުވާތަކެތި ބޭނުންކުރާ ކުދިންގެ ބޮލުގައި ކަމަށާއި، މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާ ބެހޭގޮތުން ކުރާ ކުށްހީތަކުން އަޅުގަނޑުމެން ސަލާމަތްވާންޖެހޭ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި، ކުރިއަށް ދެވޭނެ ގޮތަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ނައިބު ރައީސް ބަޔާންކުރައްވަމުން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މިފަދަ ޕްރޮގްރާމްތަކުން އެދެވޭ ރަނގަޅު ނަތީޖާއެއް ނެރެވޭނީ، މަސްތުވާތަކެތި ބޭނުންކުރަމުންދާ ކުދިންގެ މަޢުލޫމާތު ލިބިގެން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުން، މިކަމުގައި ކުރައްވާ މަސައްކަތްތައް، ނައިބު ރައީސް، ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވަމުން، އޭގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތި ކޮންމެވެސްވަރަކަށް މާރުކޭޓުން މަދުވަމުންދާކަން ބަޔާންކުރެއްވިއެވެ. ނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ ކުދިން އަދިވެސް ގިނަ ކަމަށާއި، އެކުދިންގެ ޢަދަދުތައް އެނގޭނީ، މި ސަރވޭއިން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ވޭތުވެދިޔަ 6 ދުވަހުގެ ތެރޭގައި މި ހިންގުނު ޕްރޮގްރާމުން ހުރިހާ ކުދިންނަށް އެކަށީގެންވާ ރަނގަޅު ތަމްރީނެއް ލިބުނު ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ، މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި، މި ޕްރޮގްރާމްގެ ބައިވެރިން، ވަރަށް މުރާލިކަމާއެކު މަސައްކަތް ކުރުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި ސަރުކާރުން ހިންގަވާ މި ބޮޑު މަޝްރޫޢަށް، އ.ދ.ގެ ފަރާތުން ވެދެއްވާ އެހީއަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.