ދުވަހެއް ދުވަހަކަށް ރާއްޖޭގައި މަސްވެރިކަންދަނީ ދަށަށް ކަމަށާއި، ރާއްޖޭގެ ކަނޑުތަކުން ލިބެން ހުރި އެހެން މުއްސަނދިކަން ދެނެގަނެ، އެ މުއްސަނދިކަމުގެ މަސައްކަތް ރައްޔިތުންނަށް ފޯރުކޮށްދިނުން މަޖުބޫރުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނ. ކެނދިކުޅުދޫ ކުޅީގައި ހުއިފިލަނޑާ ދިރުވައި ބޮޑުކުރުމަށް، މަސްމީރު އިންވެސްޓްމަންޓާއި ކެނދިކުޅުދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ އަމިއްލަ ފަރާތްތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ރަނގަޅަށް ހިންގިއްޖެނަމަ ޓުއަރިޒަމުން ލިބޭ ބާވަތުގެ އާމްދަނީއެއް ހުއިފިލަނޑާ ބޭރުކޮށްގެން ހޯދިދާނެ ކަމަށް، ކަމުގެ މާހިރުން ބުނާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރައްވަނީ، ކުރެވޭ ކޮންމެ މަސައްކަތަކުންވެސް ލިބޭ އާމްދަނީއާއި، ރައްޔިތުންނަށް ލިބޭ ފައިދާއާއި، ޤައުމަށް ގެނެވޭ ތަރައްޤީއާއި، ތިމާވެށި ރައްކާތެރިކުރުމަށް ހިނގާ ޚަރަދާ މިހުރިހާ ކަމަކަށް ބެއްލެވުމަށްފަހު، އެމަސައްކަތެއްކުރުމުގައި އޮތް އެންމެ ފައިދާ ބޮޑު ގޮތަކަށް އެ މަސައްކަތެއް ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ހުއިފިލަނޑާ ދިރުވައި އާލާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނީ މިހުރިހާ ކަމަކަށް ބެލުމަށްފަހު، ތިމާވެށީގެ ޢިލްމްވެރިންގެ އިރުޝާދާވެސް އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށްފަހު، ކެނދިކުޅުދޫގައި ހުއިފިލަނޑާ އާލާކުރާ ސަރަޙައްދަށް އެމަނިކުފާނު އެރިވަޑައިގެން، ހުއިފިލަނޑާ ނެންގެވުމުގެ މަސައްކަތް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ސްޓޭޓް މިނިސްޓަރުންވެސް ހުއިފިލަނޑާ ނެންގެވުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.