މިއަހަރުގެ ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ނ. ކެނދިކުޅުދޫގައި މިއަދު ބާއްވަވާ އިޙްތިފާލުތަކުގެ ތެރެއިން، "މިއީ ކާކު ރުކެއް؟" މި ޝިޢާރުގެ ދަށުން ރުއް ގުނުމުގެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ނ. ކެނދިކުޅުދޫގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އުފައްދާ ތަކެތިންނާއި އުފެދޭ ތަކެތިން، ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ހުރިހާ ކަމެއް ފުރިހަމަކުރެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރުކުގެ އެކި ބައިތަކުން ލިބޭ އެކި ފައިދާއާއި އެ ބައިތަކުގެ ބޭނުންކޮށްގެން ހޯދޭނެ އާމްދަނީގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރަކަށް އައިސް ރާއްޖޭގައި، ރުއްތަކަށް ދޭންވާ ސަމާލުކަން ނުދެވުމުގެ ސަބަބުން، ރުއްތަކުގެ މަތިވަރު ދަށްވެ، އަލަށް ރުއް އިންދިފައިނުވާތީ، ރުކުން ކުރެވޭނެ އެތައް ބޭނުމެއް ނުކުރެވިދާ ކަމުގައި ވިދާޅުވިއެވެ. އަދި އާމްދަނީ ހޯދޭނެ އެތައް ގޮތެއް ފަހިވެފައިވާ ރުކުން އެލިބޭ ފައިދާގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ނުކުރެވި ދިޔުމަކީ ކުރެވޭ ވަރަށް ބޮޑު އިސްރާފެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު މިފަށްޓަވާ ދެއްވާ ޕްރޮގްރާމްގެ ސަބަބުން، ރުކުން ކުރެވޭ ބޭނުންތަކުން ހޯދޭ މުއްސަނދިކަން ރާއްޖޭގެ ރައްޔިތުންނަށް އަލުން ފޯރުކޮށްދެވޭނެކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރުއް ގުނުމުގެ މިޕްރޮގްރާމްގައި ސްކޫލް ކުދިންގެ ދައުރުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ކޮންމެ ކުއްޖަކު ރުކެއް އިންދައި، އެރުކެއް ހެދި ބޮޑުވެ، އެއިން ލިބޭ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.