ޤައުމެއް ބިނާކޮށް، މުޖްތަމަޢެއް ތަރައްޤީ ކުރުމުގައި އެ މުޖްތަމަޢެއްގެ މަދަނީ ޖަމާއަތްތަކުގެ ޚިޔާލާއި، ފިކުރާއި އަދި ކަންކަމުގައި ޒިންމާދާރުވާ މިންވަރު ވަރަށްބޮޑު ބައެއް ޙިއްޞާކުރާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "އެނަރޖީ އެންޑް އެންވަޔަރަމަންޓަލް ސެކިއުރިޓީ: އަ ކޯޕަރޭޓިވް އެޕްރޯޗް އިން ސައުތް އޭޝިޔާ"ގެ ނަމުގައި، ކޮންސޯޓިއަމް އޮފް ސައުތް އޭޝިޔަން ތިންކް ޓޭންކްސްގެ ފަރާތުން ތައްޔާރު ކުރެއްވި ރިޕޯޓެއް ނެރެދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކަރބަން ނިއުޓްރަލް ޤައުމަށް ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ތިމާވެށީގެ ދާއިރާގަޔާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މިކަން ކުރެވެން އޮތީ، ތަރައްޤީވެފައިވާ ޤައުމުތަކުން މާލީ އަދި ޓެކްނޯލޮޖީގެ އެހީ ފޯރުކޮށްދެއްވައިގެން ކަމުގައި ވިދާޅުވިއެވެ. އަދި މިގޮތުން ބޭރުން ތެޔޮ އެތެރެކުރުމުގެ ބަދަލުގައި، ދިވެހިރާއްޖޭގައި އަވިންނާއި، ވައިންނާއި، ކަނޑުން އަދި އެހެން ގޮތްގޮތުން ހަކަތަ އުފެއްދުމުގެ މަގު ފަހިކުރަންޖެހޭކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.
މިރޮނގުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ދިރިއުޅުންވަނީ ކަނޑުތަކާ ގުޅި ލާމެހިފައި ކަމަށާއި، މޫސުމަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު، ދިވެހިރާއްޖެއަށް ކުރާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމާ ބެހޭގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްޕުޅުތަކަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި ކޮންސޯޓިއަމް އޮފް ސައުތް އޭޝިޔަން ތިންކް ޓޭންކްސްގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ނައިބު ރައީސްގެ އިތުރުން" ކޮންސޯޓިއަމް އޮފް ސައުތް އޭޝިޔަން ތިންކް ޓޭންކްސްގެ ދަށުން މަސައްކަތް ކުރައްވާ އިންސްޓިޓިއުޓް އޮފް ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީސްގެ ޑައިރެކްޓަރ ސުބާ ޗަންދްރަން އަދި ޑައިރެކްޓަރ އޮފް ރީޖަނަލް ޕްރޮގްރާމް ފޮރ ސާކް އެޓް ކޮންރެޑް އެޑްނޯރ ފައުންޑޭޝަން ޓޮމިސްލާވް ޑެލިނިކް، މިކޮންފަރެންސްގައި ވާހަކަފުޅު ދެއްކެވިއެވެ.