ސަރުކާރުގެ އިދާރާތަކުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޚާއްޞަވެފައިވާ މުވައްޒަފުން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، ނައިބު ރައީސް ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖީލީހުގެ މިއަދުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ސަރުކާރުގެ ހުރިހާ އިދާރާއެއްގައި އައި.ސީ.ޓީ. ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތެރެއިން ދިމާވާ އާންމު މައްސަލަތައް ޙައްލުކުރެވޭވަރުގެ މުވައްޒަފަކު، އެ އިދާރާގައި ބެހެއްޓެވުމަށްފަހު، އައި.ސީ.ޓީ. ދާއިރާއަށް ޚާއްޞަވެފައިވާ މުވައްޒަފުންނަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގައި މަސައްކަތް ކުރައްވާ ބޭފުޅުންކަމަށް ހަމަޖެއްސެވުމަށް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.