އައްޑުއަތޮޅުގައި ސާކް ސަމިޓް ބޭއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އިތުރު ސިޓީއެއް ބިނާކުރުމުގެ ބުރަ މަސައްކަތުގައި، ދިވެހި ސިފައިން ދެމުންގެންދާ އެހީތެރިކަމަށްޓަކައި ދިވެހި ކޮންމެ ދަރިއަކުމެ، ފަޚްރުވެރިވާނެ ކަމަށް ވިދާޅުވެ، ދިވެހި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހި ސިފައިންނަށް ޝުކުރު އަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސިފައިންނަށް ތަޢުރީފް ކުރައްވައި ޝުކުރު އަދާކުރެއްވީ، ސާކް ސަމިޓްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ސިފައިންގެ ލަޝްކަރު ކަމަށްވާ، ޖޮއިންޓް އިންޓަރ އެޖެންސީ ޓާސްކް ފޯސް އާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމަށްޓަކައި، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށާއި އަދި ރައްޔިތުންގެ ތަރައްޤީއާއި، މަންފާއާއި، ލާބައަށް ދިވެހި ސިފައިން ކޮށްދެއްވާ މަސައްކަތްތަކަކީ، ރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް ހަނދާންނެތި، އަދި ޙަޤީޤަތް އޮޅޭނެ މަސައްކަތްތަކެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިފައިންގެ މަސައްކަތް، ލާމަރްކަޒީ އުޞޫލުން ހިންގާން މިހާރު ފަށާފައިވުމާއެކު، އެމަސައްކަތްތައް ސިފައިން ކުރިއަށް ގެންދަވާ ފުރިހަމަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވަކިން ޚާއްޞަކޮށް، ސަދަން އޭރިޔާ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙަންމަދު ދީދީގެ ބެއްލެވުމުގެ ދަށުން ސަދަން ކޮމާންޑްގައި އެ ހިނގާ މަސައްކަތްތަކަކީ، ދިވެހި ކޮންމެ ދަރިއަކުމެ، ފަޚްރުވެރިވާނެ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ، ޠަލްޙަތު އިބްރާހީމް ކަލޭފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފް ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ސިފައިން، އައްޑޫ ސިޓީގައި ސަލާމަތީ ކަންތައްތައް ބަލަހައްޓަވަމުން ގެންދަވާއިރު، އެކަމުގެ މުހިންމުކަން ވަޒަން ކުރައްވައި، ސިފައިންގެ މަސައްކަތްތައް ހަމަ ސީދާ އަކުރުން އަކުރަށް، ކުރާން އޮތް އުޞޫލަށް ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ޖޮއިންޓް އިންޓަރ އޭޖެންސީ ޓާސްކް ފޯސްގެ ކޮމާންޑަރ، ކާނަލް މުޙަންމަދު ޒިޔާދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ރީތި ނަމަކާއި ފަޚްރެއް ހޯދައިދިނުމަށާއި، ދިވެހި ސަރުކާރުގެ އެންގެވުން ތަންފީޒު ކުރުމުގައި، އެންމެ ފިޔަވަޅެއްވެސް ސިފައިން ފަހަތަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާއަށް އެރުވިއެވެ.

މި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރު، ސިފައިންގެ ލަޝްކަރަށް ސިފައިންގެ ޢަޒުމް އާކޮށްދެއްވިއެވެ.