ތިމާވެށްޓާ ރައްޓެހި ޒަމާނީ ވަސީލަތްތަކަށާއި، އިޢާދަ ކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސިކްސް ސެންސަސް ސޮނެވާފުށި ރިޒޯޓް އެންޑް ސްޕާގައި މިއަދު ބޭއްވި "ސްލޯ ލައިފް ސިމްޕޯޒިއަމް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔެއަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ކުރާ މަސައްކަތުގައި، ތަރައްޤީވެފައިވާ ޤައުމުތަކާ އެއްވަރަށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙިއްޞާ އޮންނާނެކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދަނީ، ދުނިޔޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަށްވުމަށާއި، ތަރައްޤީގެ މަގުގައި ކުރި ހޯދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ރާއްޖޭގައި އަޅަމުންގެންދާ ނަމޫނާ ފިޔަވަޅުތަކާއި، އެ މަސައްކަތުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. މިގޮތުން، ސްޓެލްކޯއާއި ކައިމޫ ހޮޓެލްސްއާ ދެމެދު ވެފައިވާ އިޢާދަކުރަނިވި ހަކަތައިގެ ވިޔަފާރީގެ އެއްބަސްވުމާއި، ރާއްޖެއަށް ކާރު އެތެރެކުރުމުގައި ޕެޓްރޯލް އަޅާ ކާރުގެ ބަދަލުގައި، ކަރަންޓުގެ އެހީގައި ދުވާ ކާރު އެތެރެކުރުމަށް އިސްކަންދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުކޭޝަނުން އަލަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އިޢާދަ ކުރަނިވި ހަކަތަ ބޭނުންކުރާ، ވިހަ މާއްދާ ޖައްވަށް ބޭރު ނުކުރާފަދަ އެއްގަމު އުޅަނދާއި ކަނޑުގެ އުޅަނދު ފަހަރު އެތެރެކުރުމުގައި ނަގާ ޑިޔުޓީ ކުޑަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާމްދަނީގެ %2 އިޢާދަކުރަނިވި ހަކަތައަށް ޚަރަދުކުރައްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ރާއްޖޭގައި ތެލުގެ ބަދަލުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުން، ކާބަން ބޭރުކުރާ މިންވަރު މަދުވުމުގެ އިތުރުން، އިޤްތިޞާދީ ގޮތުންވެސް ފައިދާ ބޮޑުވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން، ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.