بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 7 އޮކްޓޯބަރ 2011 ވީ ހުކުރު ދުވަސް. ނިމިދިޔަ ހަފްތާގައި މުދަލާއި ޚިދްމަތުން ޖީ.އެސް.ޓީ ނެގުމުގެ އިންތިޒާމްތައް، އޮމާންކަމާއެކު ހިނގާން ފަށާފައިވާއިރު، އަޅުގަނޑުމެން މިގެންދަނީ، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާނެ ދައުލަތުގެ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން.

އެނގިވަޑައިގަންނަވާނެ، ޖީ.އެސް.ޓީ އަދި ޓެކްސްގެ ނިޒާމުގައި ހިމެނޭ އެހެން ބައިތަކާއި، ވަކި މިންވަރަކަށްވުރެ މަތީ އާމްދަނީއިން ދައްކަވާ ޓެކްސްއިން އިތުރުކޮށްދޭނީ ދައުލަތުގެ ތަނަވަސްކަން. މި ތަނަވަސްކަން އިޢާދަވެގެންދާނީ އަނބުރާ ރައްޔިތުންނަށް. ފޯރުންތެރި މީހުން އަތުން، މުއްސަނދި ފަންތިއާއި، އާދައިގެ ފަންތިތަކުގެ ތަފާތު ކުޑަކުރުމަށް. ހަމައެއާއެކު، އާމްދަނީ ނިސްބަތުން މަދު ދިވެހިންނަށް ދައުލަތުން ފޯރުކޮށްދޭ ޙިމާޔަތާއި، އެހީތެރިކަމާއި، ޞިއްޙީ ފަރުވާއާއި، ރައްކާތެރިކަމާއި، ޚިދްމަތްތަކާއި، ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރި ތަރައްޤީގެ އެކި މަސައްކަތްތަކަށް ހޭދަކުރެވޭނީވެސް ދައުލަތުގެ މިދެންނެވި ތަނަވަސްކަމުން.

އަޅުގަނޑު މީގެކުރީގައިވެސް ދަންނަވާލާފައިވާނެ، މިޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ސަރުކާރަށް ބޭނުންކުރެވޭނެ އެންމެ މުހިންމު ވަސީލަތަކީ ދައުލަތުގެ ބަޖެޓޭ. ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގައި، މިދިޔަ އަހަރު މިވަނީ ވަރަށް ތަފާތު ބަދަލެއް ގެނެވިފައި. ބަޖެޓް އެއީ ޕްރޮގްރާމް ބަޖެޓެއްގެ ގޮތުގައި ހުށަހެޅި، އެގޮތަށް ފާސްކުރެވިފައިވުމުން، މިދެންނެވި މުހިންމު ބަދަލު އެއީ މަގު ފާހަގައެއްގެ ގޮތުގައި ފެނިގެންދޭ.

އަޅުގަނޑު އަބަދުވެސް ދަންނަވާލަން، އަޅުގަނޑުމެންގެ މި ސަރުކާރު ދެމިއޮންނަނީ އެންމެ ބޭނުމަކަށްޓަކައި. އެއީ ރައްޔިތުންނަށް ޚިދްމަތް ކުރުން. އެޚިދްމަތްތައް ގުޅިފައި ހުރީ އަޅުގަނޑުމެން، އެރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމާވެސްމެ.

އެހެންކަމުން، ޕްރޮގްރާމް ބަޖެޓަކީ، ނެރެން ބޭނުންވާ ނަތީޖާ އެއީ ލަނޑުދަނޑިތައް ކަމުގައި ނުވަތަ ރައްޔިތުންނަށް ހުށަހަޅާ ވަޢުދުތައް އެއީ އަމާޒުތައް ކަމުގައި، ކަނޑައެޅިފައި އޮންނަ މުހިންމު ވަސީލަތެއްގެ ގޮތުގައި މިވަނީ ފާހަގަކުރެވިފައި.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާމެދު ވަޒީރުންނާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިންގެ ބައްދަލުވުންތަކުގައި މިހާރު ވަނީ މިއަހަރު ޖީ.ޑީ.ޕީ.ގެ ނުވަތަ ޤައުމީ އުފެއްދުންތެރި ކަމުގެ ގޮތުން ބަޖެޓްގެ ޑެފިސިޓް އަންދާޒާ ކުރައްވާފައި. އެ އަންދާޒާއިން އެނގޭ ގޮތުގައި، ސަރުކާރުގެ ޚަރަދުތައް މިވަނީ އެކަށީގެންވާ ދަރަޖައަކަށް ވަރަށްގިނަ ދިމަދިމާލުން ކުޑަކުރެވިފައި. ޖީ.ޑީ.ޕީ.ގެ ނިސްބަތުން ބަޖެޓް ޑެފިސިޓްގެ ގޮތުގައި މީގެކުރީގައި އަޅުގަނޑުމެން މިއަހަރަށް ފާހަގަކުރީ 11 ޕަސެންޓް. އެއަށްވުރެ ތިން ހަތަރު ދަރަޖައަށް ކުޑަކުރެވިފައިވާކަން މިހާރު ވަނީ ފާހަގަކުރެވިފައި.

އަޅުގަނޑުމެންގެ އުންމީދަކީ، އަހަރު ނިމެންވާއިރަށް ބަޖެޓްގެ ޑެފިސިޓް އެއީ ދެއަކުރުން ބަޔާންކުރަންޖެހޭ ޢަދަދެއްގެ ބަދަލުގައި، އެއް އަކުރުގެ ޢަދަދަކަށް، ދިހައަކުން ދަށަށް ނުވަތަ ސިންގަލް ޑިޖިޓަކަށް، ޤައުމީ އުފެއްދުންތެރި ކަމުގެ ނިސްބަތުން ގެނައުން.

ކުރިންވެސް ދެންނެވިހެން ދައުލަތުގެ ތަނަވަސްކަން ރައްޔިތުންނަށް އިޢާދަ ކުރުމުގައި، އަދި އަޅުގަނޑުމެންގެ ވަޢުދުތައް ނުވަތަ ރައްޔިތުން އިސްކަންދޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ މުހިންމު ވަސީލަތަކީ، ދައުލަތުގެ ބަޖެޓް. މިހާރު ކުރެވެމުންދާ މަޝްވަރާތަކުގައި މިވަނީ ސަރުކާރުގެ މައިގަނޑު 32 ޕްރޮގްރާމް ނުވަތަ ވަޢުދާ ގުޅޭ ވަޢުދުތައް ނުވަތަ ރައްޔިތުން އިސްކަންދޭ ޚިދްމަތްތައް ފޯރުވައިދީ ހިންގުމަށްޓަކައި ބަޖެޓް ބައްޓަން ކުރުމުގެ މަސައްކަތް ފެށިފައި. ސަރުކާރުގެ ބަޖެޓް މިހާރު މިވަނީ ސީދާ އެކަންކަން އެއީ އަމާޒުތައް ކަމުގައި ޙާޞިލްވަމުންދާނެ މޭރުމަކަށް ބައްޓަން ކުރެވިފައި. އެހެންކަމުން، ތަފާތު ވުޒާރާތަކާއި އޮފީސްތަކަށް ބަޖެޓް ހެދުމުގެ ބަދަލުގައި، ބަޖެޓް މިހާރު އެކުލެވިގެންދާނީ އޮފީސްތައް ތަމްސީލުވާނޭ މޭރުމުން. ނަމަވެސް، ސީދާ ރައްޔިތުންނަށް އަމާޒުކުރެވޭ، އެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް. އާދެ! ރައްޔިތުންނަށް ޚިދްމަތް ކުރުމަށް.

މިހާތަނާ ހަމައިންވެސް އަޅުގަނޑު ދަންނަވާލަފާނަން، ދައުލަތަށް އެކިގޮތްގޮތުން އިތުރުވެ ބޮޑުވެގެންދާ ތަނަވަސްކަން ރައްޔިތުންނަށް އިޢާދަ ކުރުމުގައި، ޚަރަދުތައް ކުޑަކުރުމާއި، ދައުލަތުގެ ދަރަނި ކުޑަކުރުމާއި، ރައްޔިތުންނަށް އިޖްތިމާޢީ ޙިމާޔަތާއި ޚިދްމަތްތައް ފޯރުވައިދިނުން ވާނީ ވަރަށްމަތީ ދަރަޖައެއްގައި ބަޖެޓްގައި ހިމެނިފައި.

ސަރުކާރުން އަހަންމިއްޔަތުކަންދޭ ނިސްބަތް އަބަދުވެސް ބޮޑުކޮށް އޮންނަ ދެދާއިރާއެއް ތިޔަބޭފުޅުންނަށް ފާހަގަވާނެ. ޞިއްޙީ ދާއިރާއާއި ތަޢްލީމީ ދާއިރާއަކީ ސަރުކާރުން ކޮންމެ އަހަރަކުވެސް ވަރަށް އިސްކަންދޭ ދެދާއިރާ. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓްގެ މައިގަނޑު އަންދާޒާތަކަށް ބަލާއިރު، އެ ބަޖެޓްގެ ވަރަށްބޮޑު ނިސްބަތެއް ޞިއްޙަތާބެހޭ އަދި ތަޢްލީމީ ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ޚަރަދު ކުރުމަށް މިހާރުވެސް ވަނީ ކަނޑައަޅާފަ.

މިއަދު އަޅުގަނޑު ދަންނަވާލަން އޮތް އިތުރު ވާހަކައަކީ، އެނގިވަޑައިގަންނަވާނެ، އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަކީ މި ރާއްޖޭގެ ކާބޯތަކެތީގެ ދުވަސް. އަދި ހަމައެހެންމެ، މިފަހަރު ކާބޯތަކެތީގެ ދުވަހާ އެކުގައި މި ފާހަގަ މިކުރެވެނީ، މަސްވެރިންގެ ދުވަސްވެސްމެ. މި ޙަފްލާ، މިރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި މިވަނީ ނ. އަތޮޅު ކެނދިކުޅުދޫގައި. އެރަސްމިއްޔާތާ ގުޅިގެން އެރަށުގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް މިވަނީ ޕްރޮގްރާމް ކުރެވިފައި. ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނަށް މިފަހަރު ފެނިގެންދާނެ، އަކްއަރ ކަލްޗަރ ނުވަތަ ފަޅުތެރޭގައި އުފެއްދޭ ކަނޑުގެ ބާވަތްތަކުގެ ރޯދި ނުވަތަ ފައިދާ އަޅުގަނޑުމެންނަށް ހޯދޭނެ ގޮތްތައް ދެނެގަތުން. އަދި މިހާތަނަށް އެފަދަ މަސައްކަތުން ލިބޭ ފައިސާ އަދި ނުވަތަ ލިބޭ އާމްދަނީ އަޅުގަނޑުމެންނަށް މަދުކަމުގައި ވިޔަސްވެސް، މިހާރު އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ، މި އާމްދަނީއަކީ އެތައް ގުނައަކުން ބޮޑުކުރެވެން އޮތް އާމްދަނީއެއްކަން. ވަކިން ޚާއްޞަކޮށް، ހުއިފިލަނޑާ އާލާކޮށް، އެ ހުއިފިލަނޑާ ނަގައި، އެ ހުއިފިލަނޑާ އެކްސްޕޯޓް ކުރުމުގެ މަސައްކަތަކީ، މި ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރެވޭނެ މަސައްކަތެއްކަން މިއަހަރުގެ ކާބޯތަކެއްޗާއި މަސްވެރިންގެ ދުވަހުން އަޅުގަނޑުމެންނަށް ފާހަގަވެގެންދާނެ. ކެނދިކުޅުދޫގެ ކުޅި ނުވަތަ އަދި ހަމަ އެއަތޮޅުގެ އެތައް ތަނަކަށް މީގެ ދެއަހަރު ކުރީގައި މިހާރު މިވަނީ ހުއިފިލަނޑާގެ ފަނި ތަޢާރުފް ކުރެވިފައި. މި 16 ވަނަ ދުވަހު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ، އެރަށުގެ ރައްޔިތުންނަށް އެތައް ފައިދާއެއް ލިބޭނެ ގޮތަށް، އެތައް ހާސް ހުއިފިލަނޑާއެއް އެރަށުން ނެގިގެންދާތަން. އަދި އެތަކެތި އެކްސްޕޯޓް ކުރުމުން، އެލިބޭ ނަފާއާއި، ރާއްޖެއަށް އެލިބޭ ތަރައްޤީގެ ފަހިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެންދާނެ. މިދެންނެވި އަކްއަރ ކަލްޗަރގެ ނުވަތަ ހުއިފިލަނޑާގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ދައްކާލުމުގެ އިތުރުން، ކެނދިކުޅުދޫ މިހާރު ތައްޔާރުވެފައި މިވަނީ މަގުމަތީ ބާޒާރަކަށް. މި މަގުމަތީ ބާޒާރު ޚާއްޞަ ކުރެވިފައި އޮންނާނީ، ކާބޯތަކެއްޗާއި މަސްވެރިކަމުގެ ބާވަތްތަކުގެ މައްޗަށް. ސަރުކާރުގެ އެދުމަކީ، ވީހާވެސް ގިނަ ރަށަކުން، ވީހާވެސް ގިނަ ކުންފުންޏަކުން މިދުވަހު، އޮކްޓޯބަރު 16 ވަނަ ދުވަހު ކެނދިކުޅުދޫގައި އެ އޮންނަ ޙަފްލާގައި، އެއޮންނަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުން. އަދި މިކަމާ ގުޅޭ، ކާބޯތަކެއްޗާއި ނުވަތަ މަސްވެރިކަމާ ގުޅޭ އެއްވެސް ބާވަތެއްގެ އުފެއްދުމެއް އުފައްދައި، މަސައްކަތެއް ކުރާ ފަރާތެއްނަމަ، އެފަރާތްތަކަށް ކެނދިކުޅުދޫގައި އެ ބޭއްވޭ ޙަފްލާއަކީ، އެބާވަތުގެ އެހެން ވިޔަފާރިތައް ކުރާ އެތައް އެހެން ބަޔަކާ ބައްދަލުވުމުގެ ފުރްޞަތުތަކެއް ލިބިގެންދާނެ ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި ވަކިން ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم