މާލެއަކީ ފެހި، ހިޔާ، ހިތްގައިމު، އުފާވެރި، އަމާން، އަދި ހުރިހާ ރަށެއްގެ، ހުރިހާ ނަސްލެއްގެ މީހުންނަށް މެހްމާންދާރީ އަދާކުރާ ބަޔަކު އުޅޭ ތަނެއްކަމަށްވުމަކީ، މާލޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެ ސިޓީ ފެހިކުރުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަކީ، މާލޭ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލަކަން ފާހަގަކުރައްވަމުން، އެމައްސަލަ ޙައްލު ކޮށްދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ ހައުސިންގ ޕްރޮޖެކްޓް "ވެށިފަހި މާލެ ޕްރޮގްރާމް"ގެ މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. މިގޮތުން، މާލޭގައި ޢިމާރާތްކުރާ ފްލެޓްގެ ޢަދަދު އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެމަސައްކަތުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މާލޭގެ އިތުރު 6 ސަރަޙައްދެއްގައި ފްލެޓް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، މާލޭގައި ޢިމާރާތް ކުރަން ފަށައި، މަސައްކަތް ނުނިމި ހުރި ތަންނަނުގެ މަސައްކަތް ނިންމައިދިނުމަށްޓަކައި، އެފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ކުރިއަށްގެންދާ ލުއި ލޯނު ދޫކުރުމުގެ ސްކީމްގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

މިއަދު ހެނދުނު އޮތް މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންނަށް ބޭނުންތެރި ވަސީލަތްތައް ޤާއިމްކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވަމުން، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން މާލޭގައި ސްޓޭޑިއަމަކާއި، ފަތާ ފެންގަނޑެއް ހެދުމަށް ހަމަޖައްސަވާފައިވާ ކަމަށާއި، އަދި މާލޭ ކުޅިވަރު އެކުވެނި އިތުރަށް ތަރައްޤީ ކުރުމަށްވެސް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.

މާލެ ސިޓީ ފެހިކުރުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ، މާލޭ ސިޓީ ހޯލް ކުރިމަތީގައި، ފެންފޯއް ރުކެއް އިންދަވައިދެއްވިއެވެ.