ޓީޗަރުންގެ ދައުރަކީ، ޤައުމީ ތަރައްޤީގައި އެންމެ މުހިންމު ދައުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިންތިޒާމް ކުރައްވައިގެން ދަރުބާރުގޭގައި ރޭ ބޭއްވެވި "ޓީޗިންގ އެކްސެލެންސް އެވޯޑް" ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމުގައި، އެންމެ މުހިންމު އަދި އެންމެ ބުރަ މަސައްކަތެއް ކުރާ ބަޔަކީ، ޓީޗަރުން ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ދަރިންނަށް ދޭންޖެހޭ އެންމެ މުހިންމު އެއްޚިދްމަތަކީ، ރަނގަޅު ތަޢްލީމެއް ފޯރުވައިދިނުން ކަމަށް ވިދާޅުވެ، އަސާސީ ތަޢުލީމުން ފެށިގެން އެންމެ މަތީ ތަޢުލީމާ ހަމައަށް ދިޔުމުގައިވެސް، ދަރިވަރެއްގެ ޙަޔާތުގައި ޓީޗަރުން އަދާކުރައްވާ މުހިންމު ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް ތަރައްޤީ ހޯދެން އޮތީ ބޭނުންވާ ހުނަރު އަޅުގަނޑުމެންގެ ކިބައިގައި ހުރެގެން، ތަންދޮރު އެނގިގެން ކަމަށާއި، ތަރައްޤީއަށްޓަކައި ހުނަރުވެރި ޒުވާނުންގެ ބޭނުން ބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒުވާނުންގެ އަޚްލާޤީ ފެންވަރު ރަނގަޅު ކުރުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބޭރުމީހުންގެ ބަދަލުގައި ހުނަރުވެރި ދިވެހި ޒުވާނުން އުފެއްދުމަކީ، ޓީޗަރުންގެ މަސްއޫލިއްޔަތެއް ކަމުގައިވެސް ވިދާޅުވިއެވެ.

ސަރުކާރުން އަލަށް ތަޢާރަފް ކުރައްވާފައިވާ ޓެކްސްތަކުގެ އާމްދަނީ، އަންނަ އަހަރު ލިބެން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، ސަރުކާރުގެ އަމާޒަކީ އެގޮތުން ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި، ޞިއްޙީ ދާއިރާއަށް ހޭދަކުރެއްވުން ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ޓީޗަރުންގެ ޢަދަދު މިހާރަށްވުރެ އިތުރުވެ، ފެންވަރު ރަނގަޅުވާންޖެހޭކަން ހާމަކުރައްވަމުން، ތަރައްޤީއަށްޓަކައި ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ، ޓީޗަރުންނަށްޓަކައި އެކުލަވާލެވިފައިވާ ސިޔާސަތުތައް ހަރުދަނާ ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި، ހިރިޔާ ސްކޫލްގެ 4 ދަރިވަރަކާއި އެސްކޫލްގެ ޕްރިންސިޕަލް ކ. ހުރާގައި ނިޔާވި ހާދިސާގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން ސުކޫތުގެ ވަގުތުކޮޅެއް ގެންނެވިއެވެ.

ރޭގެ ރަސްމިއްޔާތުގައި، މެޑައްޔާއި އެވޯޑް ލިބިވަޑައިގެންނެވި ޓީޗަރުންނަށް މެޑަލްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.