ސަރުކާރުން މަދަނައިގެ ޚިދްމަތް ފެށްޓެވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވައި، ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހި، ބޭސް ފަރުވާ ހޯދޭނެ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ކަމުގައި ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައިސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޖަރުމަންގެ ޕްރޯމެޑް ކްލިނިކާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ރޭ ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ލިބެންހުރި ޞިއްޙީ ޚިދްމަތްތައް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމާއެކު، ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަދަނައިގެ ދަށުން ހެލްތް އިންޝުއަރެންސްގެ ޚިދްމަތް ލިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީ ލިބޭނީ، ކޮންމެ މަސައްކަތަކީވެސް، އޭގެ ޒާތުގައި ހިނގަހިނގާ ހުންނަ މަސައްކަތެއް ކަމަށް ހެދިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ޙަޤީޤީ ކުރިއެރުމެއް ހޯދޭނީ، އެމަސައްކަތެއް ކުރާއިރު ދަރަނިވެރި ނުވާ އުޞޫލުން ދެކޮޅުޖެހޭ ގޮތެއްގައި ކަންކަން ކުރެވިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި ޞިއްޙީ ޚިދްމަތްދޭ ހުރިހާ ތަންތަން 7 ސަރަޙައްދަކަށް ބަހާލެވި، 7 ހެލްތް ކޯޕަރޭޝަން އުފައްދަވައި، އެތަންތަނުގެ ދަށުން ޞިއްޙީ ޚިދްމަތްދޭ ތަންތަން ހިންގެވުމަށް ހަމަޖައްސަވާފައިވާއިރު، އެކޯޕަރޭޝަންތަކުގެ މަސައްކަތްތައްވެސް، ވިޔަފާރި އުޞޫލުން ހިންގަވަމުން ގެންދެވުމުގައި، ދެކޮޅުޖެހޭ ގޮތަކަށް، ކަންކަން ރޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ހދ. ކުޅުދުއްފުށީ ޞިއްޙީ މަރްކަޒު، ޖަރުމަންގެ ޕްރޯމެޑް ކްލިނިކާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި، މަތި އުތުރު ހެލްތް ސަރވިސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނެޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަނެވެ. ޕްރޯމެޑް ކްލިނިކްގެ ފަރާތުން އެ ކްލިނިކްގެ ރައީސް ނޯބަރޓް ސީސްއެވެ.