ތަރައްޤީއަށް ފަހިވަނީ ހަމައެކަނި ތެޔޮ ހޭދަކޮށްގެން ނޫންކަމަށާއި، އިޤްތިޞާދީގޮތުންވެސް އެންމެ ފައިދާ ބޮޑީ ތެލުގެ ބަދަލުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން ކަމުގެ ނަމޫނާ ދުނިޔެއަށް ދެއްކުމަކީ، އަޅުގަނޑުމެންގެ އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓު، ފީޑް-އިން-ޓެރިފްގެ ނިޒާމް މެދުވެރިކޮށް ވީއެންމެ ކުޑަ އަގެއްގައި ސްޓެލްކޯއަށް ވިއްކުމަށް، ސްޓެލްކޯއާއި ކައިމޫ ޓްރަވަލްސް އެންޑް ހޮޓެލްސްއާ ދެމެދު ވެވޭ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މޫކައި ސްއީޓްސްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ތެލުގެ ބަދަލުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ، އިޤްތިޞާދީ ގޮތުން އެތައް ފައިދާއެއްވާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ސަލާމަތްކުރެވޭނީ ކަރަންޓް ބިލަށް އަރާ ޚަރަދު އެކަނި ނޫން ކަމަށާއި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުން، ތެޔޮ އެތެރެ ކުރުމަށް ހޭދަވާ ޚަރަދުވެސް ސަލާމަތްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އުފެއްދުންތެރިކަމަށް ކުރާ ހޭދައިގެ %31 އަށްވުރެ ގިނައިން ކަރަންޓަށް ޚަރަދު ކުރަންޖެހޭއިރު، ތެލުގެ އަގު ދުވަހުން ދުވަހަށް ބޮޑުވަމުންދާކަމީ، ރާއްޖޭގައި ތެލުން އުފައްދާ ހަކަތަ ނޫން ގޮތްގޮތުން ހަކަތަ އުފައްދަން ޖެހިފައިވާކަމުގެ މުހިންމުކަން ހާމަވާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިޢާދަކުރަނިވި ހަކަތަ އުފެއްދުން ކުރިއަށްވުރެ މިހާރު އެތައް ގޮތަކުން ފަސޭހަވެފައިވާއިރު އަދި އެގޮތަށް ކަރަންޓް އުފެއްދުމަށް ކުރަންޖެހޭ ޚަރަދު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާއިރު، އިރުގެ ހަކަތައިން އުފައްދާ ކަރަންޓުފަދަ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ ކުރުން ބުއްދިވެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސްޓެލްކޯއާއި ކައިމޫ ޓްރަވަލްސް އެންޑް ހޮޓެލްސްއާ ދެމެދު ސޮއިކުރެވުނު އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ ވިޔަފާރީގެ އެއްބަސްވުމުގައި، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން އަލްފާޟިލް ޙަސަން ޒާހިރެވެ. ކައިމޫ ޓްރަވަލްސް އެންޑް ހޮޓެލްސްގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު މާނިހް އަޙްމަދު ސޮއިކުރެއްވިއެވެ.