ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު، ޔޫ.އެން.ޑީ.ޕީ.ގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރ ރެބެކާ ގްރީންސްޕޭނާ ބައްދަލުކުރައްވައިފިއެވެ.

ނިއުޔޯކްގައި ހުންނަ އ.ދ.ގެ އިދާރާގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީއަށް ޔޫ.އެން.ޑީ.ޕީގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި އެ ޖަމްޢިއްޔާއަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ޕެންޝަން ސްކީމާއި އިންޝުއަރެންސް ސްކީމް ހަރުދަނާ ކުރެއްވުމުގެ މަސައްކަތުގައި، ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަން ހޯއްދެވުމާބެހޭ ގޮތުންވެސް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލުބަދަލުކުރެއްވިއެވެ. އަދި އެކަމާ ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، ނައިބު ރައީސް، ޔޫ.އެން.ޑީ.ޕީގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރާ ޙިއްޞާ ކުރެއްވިއެވެ.