ރާއްޖޭގައި ވަޒީފާ ނެތް ޒުވާނުންގެ ޢަދަދު އިތުރުވެ، ވަޒީފާގެ ބާޒާރުގައި ތަނަވަސްވެފައި އޮތް ފުރުޞަތުތައް ދިވެހި ޒުވާނުންނަށް ލިބުމުގައި އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ، އެ ވަޒީފާތަކަށް ބޭނުންވާ ހުނަރު، ދިވެހި ޒުވާނުންގެ ކިބައިގައި ނެތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފަންނީ، ހުނަރުވެރި، ޤާބިލް، 8500 ދިވެހިން، މަސައްކަތުގެ ބާޒާރަށް ނެރުއްވުމަށް ސަރުކާރުން ހިންގަވާ "ހުނަރު ޕްރޮގްރާމް" އިފްތިތާޙް ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ސަރަޙައްދުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގައިވާ އެއް އަމާޒުކަމުގައިވާ، ހުނަރުވެރި ޒުވާނުން އުފައްދައި، އެފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯއްދަވައި ދެއްވުމަކީ، ސަރުކާރުގެ އެއް އަމާޒު ކަމުގައި ވިދާޅުވިއެވެ. މިގޮތުން، "ހުނަރު" ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ 57 ދާއިރާއަކުން ސަރުކާރުގެ ޚަރަދުގައި 8500 ޒުވާނުން ތަމްރީންކުރެވިގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މުޅި ރާއްޖެ ބަދަލުކުރެވޭނީ، ޒުވާނުން ތަމްރީންވެގެން ރާއްޖެ ބަދަލުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ވަޒީފާތައް ބޭރު މީހުންނަށް ދޭންޖެހެނީ އެވަޒީފާތަކަށް ބޭނުންވާނެ ހުނަރު ކޮންމެވެސް ވަރަކަށް އެމީހުންގެ ކިބައިގައި ހުރެ، އެ ހުނަރު ލިބިފައިވާ ދިވެހި ޒުވާނުން ނެތުމުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މަސައްކަތަކީ، ޤައުމުގެ ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ލިބި، އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުވައިދީ، މަސްތުވާތަކެތީގެ ޝިކާރައަކަށް ދިވެހި ޒުވާނުން ނުވެ، އެއްތަނުން އަނެއްތަނަށް ފަސޭހައިން ދަތުރުފަތުރުކުރެވި، ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހި، ތާހިރު، ތަނަވަސް ދިރިއުޅުމެއް ފޯރުވައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތަށްފަހު، ހުނަރު ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ތަމްރީން ޕްރޮގްރާމްގެ ދުވަސްވަރާއި މަސައްކަތުގައި ފަރުވާ ބެހެއްޓުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި، ތަމްރީނުގެ މުއްދަތުގައިވެސް، އަދި ތަމްރީނުވުމަށްފަހުވެސް މަސައްކަތަށް ގަވައިދުން ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވައި، ވާހަކަފުޅު ދެއްކެވިއެވެ.