އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސްގައި ބަޔާންކޮށްފައިވާ ޙައްޤުތައް ލިބިދޭ މިންވަރާ ގުޅޭގޮތުން ޢާންމު ފަރުދުންނާއި ޖަމާޢަތްތަކުން އ.ދ. އަށް ޝަކުވާ ހުށަހެޅުމުގެ ފުރްޞަތު ހުޅުވައިދޭ މުޢާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މި މުޢާހަދާގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މި މުޢާހަދާގައި ބަޔާންކޮށްފައިވާ ޙައްޤުތަކަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ދިވެހި ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކެއް ކަމަށްވާތީ، މިމުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުން، ދިވެހި ސަރުކާރުން މި ޙައްޤުތައް ރައްކާތެރި ކުރުމުގައި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އިސްކަންދޭ މިންވަރު ހާމަވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މި ޙައްޤުތައް ލިބިދިނުމުގައި، ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު، ބައިނަލްއަޤްވާމީ ފެންވަރުގައި ހާމަވެގެންދާނެ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

މިއަހަރުގެ ސާކް ސަމިޓް ބޭއްވެވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރ 10 ން 11 އަށް ކަމަށްވާތީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމިއްޔާތުތައްވެސް، ސާކް ސަމިޓްގެ ތެރެއިން ވަގުތު ހޯއްދަވައިގެން ބޭއްވެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.