ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިނަކޯން ކަނަސޫޓާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ތައިލެންޑާއި ދިވެހިރާއްޖެއާ ދެޤައުމުގެ މެދުގައި އޮންނަ ގާތްގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތައިލެންޑުގެ ވިޔަފާރިވެރިން ރާއްޖޭގައި އެކިއެކި އިންވެސްޓްމަންޓްތައް ކުރަމުން ގެންދާތީ އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހި ވިޔަފާރިވެރިންވެސް ތައިލެންޑްގެ ބާޒާރަށް ބަހައްޓާ ޝައުޤުވެރިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރ ޙުސައިން ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.