ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ކުނިއޯ ޓަކަހާޝީ، ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، މި ޚިދުމަތްތަކަށްޓަކައި މިސްޓަރ ޓަކަހާޝީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖަޕާން ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ ތަފާތު އެހީތަކަށްޓަކައިވެސް ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އަވިން ހަކަތަ އުފެއްދުމަށްޓަކައި ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި މިއަދު މަޝްރޫޢެއް ފެށުނުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޖަޕާނު ސަފީރު ކުނިއޯ ޓަކަހާޝީ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނަށް އައި ބިންހެލުމާއި ސުނާމީއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަރާތުން ޖަޕާނަށް ފޯރުކޮށްދިން އެހީއަށްޓަކައި، ދިވެހި ރައްޔިތުންނަށާއި، ދިވެހި ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސަރަޙައްދީ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކަމުގެ ފައިދާ، ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ކުނިއޯ ޓަކަހާޝީ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓެރީ ޑޮކްޓަރ ޙުސައިން ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.