ސަރުކާރުން ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތައްވެސް، ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް ހިންގުމުގައި، ކުރެއްވެންހުރި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ އެކިއެކި މަސައްކަތްތަކުގެ މައްޗަށާއި، ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ހިނގަމުންދާ ގޮތުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އެންމެހާ މަސައްކަތްތައް، މެނިފެސްޓޯގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ހިނގަމުންދާކަމީ، ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ހިންގަވަމުން ގެންދަވާ މައިގަނޑު ޕްރޮގްރާމްތަކުގެ މަސައްކަތްތައް، މިދިޔަ ހަފްތާގެ ތެރޭގައިވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، 8500 މީހުން ހުނަރާއެކުގައި ވަޒީފާގެ ފުރްޞަތަށް ނެރުމަށް އަމާޒު ކުރައްވައިގެން ހިންގަވާ ޕްރޮގްރާމްގެ ތެރެއިން 750 ފަރާތަކަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް، މިއަންނަ ހަފްތާގެ ތެރޭގައި ފަށައިގަނެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ މަސައްކަތްތައްވެސް، މިދިޔަ ހަފްތާގެ ތެރޭގައި ބާރަށް ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އެ ޕްރޮގްރާމްގެ ތެރެއިން 100 ފަރާތަކާ އެކުގައި ބިން ޙަވާލުކުރުމުގެ އެގްރީމަންޓްގައި ސޮއިކުރެވޭ ހިސާބަށް މަސައްކަތްތައް ފުރިހަމަ ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި، މިމަސައްކަތް މިހާރަށްވުރެ ބާރަށް ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ދެވަނަ ފުރްޞަތުގެ ޕްރޮގްރާމަށް ބައްލަވާލައްވަމުން، މިއަންނަ ހަފްތާގެ ތެރޭގައި، އިތުރު ފަރާތްތަކަށް ފުރްޞަތު ހުޅުވާލެވި، ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްތަކުގެ އިތުރުން، ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ކަންކަންވެސް، މިދިޔަ ހަފްތާގައި ކުރިއަށް ގެންދެވިފައިވާ ކަމާއި، ދެރަށެއްގެ ބަނދަރު ހެދުމާއި، މަޑަވެއްޔާއި ހޯނޑެއްދޫ، ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަންކަމުގެ ޢަމަލީ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން އައްޑޫސިޓީގައި ހިނގަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ސާކް ސަމިޓްގެ ސުންގަޑިއަށް، ސާކް ސަމިޓާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ފުރިހަމަވެގެން، އަޅުގަނޑުމެން އެންމެންވެސް ފަޚްރުވެރިވާނެފަދަ އައްޑޫސިޓީއެއް، މުޅި ދުނިޔެއަށް ފެނިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސާކް ސަމިޓަށްޓަކައި ފުވައްމުލަކުގައި ހިނގަމުންދާ މަސައްކަތްތައްވެސް ކުރިއަށްވުރެ މާ ބާރަށް ހިނގަމުން އެބަދާ ކަމަށާއި، އިރާދަކުރެއްވިއްޔާ، އެމަސައްކަތްތައްވެސް ސަމިޓްގެ ސުންގަޑިއަށް ނިންމަވާލެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.