ރާއްޖޭގައި ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ޤާއިމުވުމާ ގުޅިގެން، މިނިވަން ޖުޑީޝަރީއެއް އުފެދި، ފުރިހަމަ ޑިމޮކްރަސީއެއްގައި، ޖުޑީޝަރީއެއް އަދާކުރަންޖެހޭ ދައުރު އަދާކުރުމުގެ މަގު، ރާއްޖޭގައި ފަހިކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަރިހަށް، އ.ދ.ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭ އިއްޔެ ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ހެންވޭރު ޝަފީޤުގޭ އަޙްމަދު ޝަފީޤުގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް ކުރައްވަމުން ގެންދަވާ އަބުރުގެ ދަޢުވާއަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވައި، ރާއްޖޭގައި މިނިވަން ޖުޑީޝަރީއެއް އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ނަވަނެތަމް ޕިއްލޭ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރެއްވުމަށްޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރު ކުރައްވާ މަސައްކަތްޕުޅުތަކަށް މަރްޙަބާ ވިދާޅުވެ، އެ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީއަށާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ފަރާތުން ފޯރުވައިދެވިދާނެ އެހީއާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.