ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަށް ލިބިފައިވާ ރީތިނަމާއި ތަޞައްވުރު އިތުރަށް ދެމެހެއްޓުމަށްޓަކައި ޓޫރިޒަމް ދާއިރާއަށް އުފެއްދުންތެރި، ޤާބިލް، ހުނަރުވެރި މީހުން އިތުރަށް ބޭނުންވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމަށްޓަކައި ޓޫރިޒަމް ޕްލޭނެއް އެކުލަވާލުމާބެހޭ މަސައްކަތު ބައްދަލުވުން އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާއާމެދު ބައެއް ފަރާތްތަކުން އެހެން ނަޒަރަކުން ދެކޭކަން ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި، މިދާއިރާގައި ވަޒީފާގެ ފުރްޞަތު ހުޅުވިފައިވާ މިންވަރު ނޭނގުމާއި، އެހެން ދާއިރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަތަކުގައި ތަފާތު ހުރުމާއި، މިދާއިރާގައި ކުރިއަށް ދިއުމަށް ޒުވާނުންނަށް އޮތް ފުރްޞަތުތައް ރަނގަޅަށް އޮޅުން ފިލާފައި ނެތުން ހިމެނޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ މައިގަނޑު ބޭނުމަކަށް ވާންޖެހޭނީ މިދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި، ޤާބިލް ޒުވާނުން ތަމްރީންކުރުން ކަމުގައި ވިދާޅުވިއެވެ. އަދި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ހިންގުންތެރިންގެ ގޮތުގައި ޒުވާނުން ހަރަކާތްތެރިވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި، ޒުވާން ޖީލަކާ ނުލައި ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަށް ނުދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.