ސެން ފްރެންސިސްކޯގެ މަޝްހޫރު ޑޮކިއުމެންޓްރީ ފިލްމު އުފައްދާ ކުންފުނި "އެކްޗުއަލް ފިލްމްސް" އިން ދިވެހިރާއްޖެއާ ބެހޭގޮތުން އުފައްދާފައިވާ ޑޮކިއުމެންޓަރީ ފިލްމު "ދި އައިލެންޑް ޕްރެޒިޑެންޓް" ކެނެޑާގެ "ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް"ގައި އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ ބައިވެރިވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި، ޕްރެސް ސެކްރެޓެރީ މުޙަންމަދު ޒުހައިރުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

"ޓޮރޮންޓޯ ފިލްމް ފެސްޓިވަލް" އަކީ މުޅި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަޤުބޫލު ފިލްމް ފެސްޓިވަލްތަކުގެ ތެރޭގައި ހިމެނޭ ފެސްޓިވަލެކެވެ.

މި ޑޮކިއުމެންޓްރީ ފިލްމުގައި ދައްކައިދެނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ ކަންކަމުން ދިފާޢުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކެވެ. 100 މިނިޓުގެ މި ފިލްމުގައި، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިން 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވުނު ތިމާވެއްޓާބެހޭ ޖަލްސާއަށް ވެވަޑައިގެންނެވި ތައްޔާރީތައްވެސް ދައްކައިދެއެވެ.

"ދަ އައިލެންޑް ޕްރެޒިޑެންޓް" ގެ ފުރަތަމަ ޝޯ ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވުމަށްފަހު، އެމަނިކުފާނާއި ފިލްމުގެ ޑިރެކްޓަރ ޖޯން ޝެންކްއާ ދެބޭފުޅުން، ސްޓޭޖަށް ވަޑައިގެން މި ފިލްމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެކްޗްއަލް ފިލްމްސްގެ އިސް ވެރިންނަށް ތަޢުރީފް ކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި މިފިލްމުގައި ރައީސުލްޖުމްހޫރިއްޔާގެ ބައެއް މަސައްކަތްޕުޅުތަކާއި، ރާއްޖޭގެ ނާޒުކު ތިމާވެށްޓާބެހޭގޮތުން އަލިއަޅުވާލާފައިވާތީ، އެކަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. މި ފިލްމު ޙަޤީޤަތުގައި ނިސްބަތްވަނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން، މި ރަސްމިއްޔާތަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން އެކަމަށް ވަރަށް ބޮޑު ތަރުޙީބެއް ދެއްވިއެވެ.

މި ފިލްމް އުފެއްދުމަށް އެކްޗުއަލް ފިލްމްސުން 2 މިލިއަނެއްހާ ޑޮލަރުވަނީ ޚަރަދުކޮށްފައެވެ. މިފިލްމަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ކުރައްވާފައެއް ނުވެއެވެ.

މި ފިލްމަށް ބެލުންތެރިންގެ ނިސްބަތުން ވަރަށް ގިނަ ވޯޓު ލިބިފައިވާ ކަމަށް ފެސްޓިވަލް އިންތިޒާމްކުރި ފަރާތްތަކުން މަޢްލޫމާތު ދެއްވައެވެ. އަދި މި ފިލްމަށް ތަރުޙީބު އިތުރުވަމުންދާކަން ޓޮރޮންޓޯގެ މީޑިއާ ޗެނަލްތަކުންނާއި، ޓޮރޮންޓޯ ސިޓީގައި ނެރޭ ބައެއް ނޫސްތަކުން ފާހަގަކުރަމުންދެއެވެ.

ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވީ، މި ފިލްމުން ރާއްޖޭގެ ރީތިކަން ބޭރުގެ ފަރާތްތަކަށް ފެނިގެންދާނެ ކަމަށެވެ. އަދި މިފިލްމަކީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް ބާރުއަޅައިދޭނެ ފިލްމެއްކަމަށްވާނެ ކަމަށެވެ.

މިފިލްމު ރާއްޖޭގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅުއެވެ. އަދި އެމެރިކާގެ ޓީވީ ޗެނަލްތަކުން މި ފިލްމު 2012 ވަނަ އަހަރު ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޓޮރޮންޓޯއަށް މި ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ޕެރިހަށާއި ޖެނީވާއަށް ކުރައްވާ ދަތުރުފުޅު މިއަދު ފަށްޓަވާނެއެވެ.