ދިވެހިންގެ ދިރިއުޅުންވަނީ ކަނޑުތަކާ ލާމެހިފައި ކަމަށާއި، މޫސުމަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ދިވެހިރާއްޖެއަށާއި ދިވެހިންނަށް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ "މޭރީ ރޮބިންސަން ފައުންޑޭޝަން-ކްލައިމެޓް ޖަސްޓިސް"އިން ބޭއްވި ޚާއްޞަ ޙަފްލާއެއްގައި ޝަރަފްވެރި މެހްމާނެއްގެ ޙައިޘިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ، ވަރަށް ތިރި ޖަޒީރާ ޤައުމެއްކަން ބަޔާންކުރައްވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް އަދި ދިވެހިންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން 2004 ވަނަ އަހަރު އިންޑިޔާ ކަނޑުގެ ބައެއް ޤައުމުތަކަށް އެރި ސުނާމީގައި ދިވެހިރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތައް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކަށް މިހާރަށްވުރެ ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން ކާބަން ބޭރުކުރުމާމެދު މިހާރަށްވުރެ ބޮޑަށް ޒިންމާދާރު ވާންވެއްޖެކަމަށް ގޮވާލައްވަމުން، މިކަމާބެހޭ ޤާނޫނީ އެއްބަސްވުމެއްގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގައި އަވިންނާއި، ވައިންނާއި، ކަނޑުން ހަކަތަ އުފެއްދުމުގެ މަގު ފަހިވެފައިވާއިރު، ބޭރުން ތެޔޮ އެތެރެކުރުމުގެ ބަދަލުގައި އެފަދަ އެހެނިހެން ވަސީލަތްތަކުން ހަކަތަ އުފައްދަން ފަށަންވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖޭގެ 70 އަށްވުރެ ގިނަ ރަށުގައި ސާފު ބޯފެން ލިބެން ނެތްކަން ހާމަކުރައްވަމުން، މިހެން ދިމާވަނީ ކަނޑުގެ ލޮނުގެ އަސަރު، ރަށްތަކުގެ ފެން ފަށަލައަށް ކުރާ މިންވަރު ބޮޑުކަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގައި އެތައް ރަށެއް އޮންނައިރު ކޮންމެ ރަށަކަށް ބޯފެން އުފައްދާނެ ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ ޚަރަދު އެތައް ތަނެއް އިތުރުވެގެން ހިނގައްޖެކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޭރީ ރޮބިންސަން ފައުންޑޭޝަން-ކްލައިމެޓް ޖަސްޓިސްއަކީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރިއަށް ގެންދާ ޖަމްޢިއްޔާއެއްކަން ފާހަގަކުރައްވަމުން، އެމަނިކުފާނަށް މިބައްދަލުވުމަށް ވަޑައިގަތުމުގެ ދަޢުވަތު ދެއްވީތީ އެ ޖަމްޢިއްޔާގެ ރައީސާ މޭރީ ރޮބިންސަނަށް ޝުކުރު އަދާކުރެއްވިއެވެ.

މޭރީ ރޮބިންސަން ފައުންޑޭޝަން-ކްލައިމެޓް ޖަސްޓިސްއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ކުދި އަދި ފަޤީރު ޤައުމުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށްޓަކައި، އަޔަރލޭންޑްގެ ކުރީގެ ރައީސާ މޭރީ ރޮބިންސަން އުފެއްދެވި ޖަމްޢިއްޔާއެކެވެ.

ދުނިޔޭގެ ތިމާވެށްޓާމެދު ޤާނޫނީ މުޢާހަދާއެއް ޤާއިމުކުރުމަށްޓަކައި، މޭރީ ރޮބިންސަން ފައުންޑޭޝަން-ކްލައިމެޓް ޖަސްޓިސް އިން އިންތިޒާމްކުރި، ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މަޝްވަރާ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުން އޮތީ ލަންޑަންގެ ގްރަންތަމް ރިސަރޗް އިންސްޓިޓިއުޓްގައެވެ.