ތަޖުރިބާ ދަތުރެއްގައި ކ. ހުރައަށް ދިޔަ ހިރިޔާ ސްކޫލުގެ ދަރިވަރުންގެ ތެރެއިން ގެބިގެން މިއަދު ނިޔާވި ހިރިޔާ ސްކޫލުގެ 4 ދަރިވަރުންގެ ޢާއިލާގެ ބޭފުޅުންނަށާއި އެ ސްކޫލުގެ ޕްރިންސިޕަލް ވ. ފެލިދޫ މޫނިމާގޭ ޢަލީ ނާޒިމްގެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު ފޯނުން ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ހާދިސާގައި ނިޔާވި އެ ސްކޫލުގެ 4 ދަރިވަރުންނަކީ، ގއ. ދެއްވަދޫ މީނާޒް ނަޝްއަތު ސަޢީދާއި، ހއ. ހޯރަފުށީ ސުވާސާގޭ މަރިޔަމް ނާޒާއި، ރ. ރަސްމާދޫ ހަނދުވަރީވިލާ ޢާއިޝަތު ސާނިޙާއާއި، މ. މޮއިޝާ މަރިޔަމް ޝައިޙާއެވެ.

މި ޢާއިލާތަކުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، މި ޚަބަރު އެއްސެވީ، ވަރަށް ޙައިރާންކަމާއި ފުން އަސަރާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި އެބޭފުޅުންނަށް މި ލިބިވަޑައިގެންނެވި ކުއްލި ފުން ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގަޔާއި ސަރުކާރުގެ ފަރާތުން އެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ.

މި ޤައުމީ ހިތާމައިގައި މިއަދުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.