ތަޖުރިބާ ދަތުރެއްގައި ކ. ހުރައަށް ދިޔަ ހިރިޔާ ސްކޫލުގެ ދަރިވަރުންގެ ތެރެއިން 4 ދަރިވަރަކާއި އެސްކޫލުގެ ޕްރިންސިޕަލް ޢަލީ ނާޒިމް މިއަދު ނިޔާވުމާ ގުޅިގެން، އެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ދަންނަވާލަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖެވެ.

"ތަޖުރިބާގެ ދަތުރެއްގައި ކ. ހުރައަށް ދިޔަ ހިރިޔާ ސްކޫލުގެ 4 ދަރިވަރަކާއި އެސްކޫލުގެ ޕްރިންސިޕަލް ގެބިގެން ނިޔާވި ޚަބަރު އަޅުގަނޑު އެހީ ކުއްލި ހައިރާންކަމަކާއި ވަރަށް ފުން އަސަރާއި ހިތާމައާއެކުގައެވެ. އެހެންކަމުން، މި ހިތާމައިގައި އަޅުގަނޑު ބައިވެރިވެ އެ ޢާއިލާތަކަށް އަޅުގަނޑުގެ ނަމުގަޔާއި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. އަދި ނިޔާވި ދަރިވަރުންނާއި ޕްރިންސިޕަލްގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި އެ ޢާއިލާތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދިވެސް އަޅުގަނޑު ދުއާ ދަންނަވަމެވެ.

މި ޤައުމީ ހިތާމައިގައި މިއަދުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އަޅުގަނޑު ހަމަޖައްސައިފީމެވެ. އަދި އެސްކޫލްގެ ޕްރިންސިޕަލާއި މި 4 ދަރިވަރުންގެ ޖަނާޒާ ކަންތައް ނިމެންދެން އެމް.އެން.ބީ.ސީގެ ހުރިހާ ޗެނަލްތަކުން ކީރިތި ޤުރްއާން ފޮނުވުމަށްވެސް އަޅުގަނޑު ހަމަޖައްސައިފި ވާހަކަ ދެންނެވީމެވެ. "