بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 9 ސެޕްޓެމްބަރ 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރު، އަޅުގަނޑު މިހުރީ އިނގިރޭސިވިލާތުގައި، ލަންޑަންގައި. މިއީ އަޅުގަނޑު އިނގިރޭސިވިލާތަށާއި، ކެނެޑާއަށާއި، ފްރާންސަށް އަދި ސްވިޓްޒަރލަންޑަށް ކުރާ ދަތުރެއް. އިނގިރޭސިވިލާތުގައި އަޅުގަނޑު އެންމެ ދުވަހެއް މިވަނީ. މޭރީ ރޮބިންސަން ފައުންޑޭޝަން، އެބޭފުޅާ ބާއްވަވާ ބައްދަލުވުމެއް އެބައޮތް. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޤާނޫނީ ދާއިރާ ނުވަތަ ލޯޔަރުންނާއި މިބާވަތުގެ ޢިލްމުގެ ބޭފުޅުން، މިކަމާ ގުޅޭގޮތުން މަޝްވަރާކުރާ މަޝްވަރާއަކަށް އަޅުގަނޑަށް ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ދަޢުވަތު ލިބިފައިވާތީވެ، އެ ދަޢުވަތު ޤަބޫލުކޮށް އަޅުގަނޑު ކުރާ ދަތުރެއް.

އެއަށްފަހު އަޅުގަނޑު ކެނެޑާއަށް އެބަ ދަތުރެއް ކުރަން. ކެނެޑާގައި ހިނގާ ދަތުރަކީ، ދިވެހިރާއްޖެއާ ގުޅޭ ފިލްމެއް، ކެނެޑާގައި، ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގައި އެބަ މިފަހަރު ދައްކާ. އެ ފިލްމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަޅުގަނޑަށް ދަޢުވަތު ލިބިފައިވާތީވެ، އެ ފިލްމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަޅުގަނޑު މިދަނީ. އެނގިވަޑައިގަންނަވާނެ، މިފަދަ ފިލްމަކުން މުޅި ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެގެންދާ މިންވަރު، މިހާރަށްވުރެ އެތައް ތަނަކުން ބޮޑުވެގެންދާނެ. ޙަޤީޤަތުގައި ދުނިޔޭގެ އެކިއެކި ސިނަމާތަކުގައި، މިފިލްމް އަޅުވާގޮތަށް ހަމަޖެހިފައިވާ ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބޭ.

ފަރަންސޭސިވިލާތަށް ކުރެވޭ ދަތުރަކީ، ފަރަންސޭސި ސަރުކާރުގެ ބައެއް ވުޒާރާތަކާއި ވަޒީރުންނާ މަޝްވަރާކޮށް ވާހަކަ ދެއްކުން. ދިވެހިރާއްޖެއަށް ފަރަންސޭސިވިލާތުން ތަރައްޤީގެ އެހީ މީގެކުރީގައި ލިބިފައިވަނީ ވަރަށް މަދުން. އެހެން ނަމަވެސް، މިއަހަރު ފަރަންސޭސި އެހީދޭ އިދާރާއެއް ކަމަށްވާ އޭ.އެފް.ޑީ.އާ އެކުގައި އެބަ ސަރުކާރުން ފެނާއި ނަރުދަމާގެ މަޝްރޫޢެއް ހިންގާ. ސަރުކާރުގެ އަމާޒަކީ، މިދެންނެވި އޭޖެންސީއާއި އަދި އެނޫންވެސް ފަރަންސޭސިވިލާތުގެ ތަރައްޤީއަށް އެހީދޭ އެކި ފަރާތްތަކާއެކުގައި މަސައްކަތް ކުރުމުގެ ފުރްޞަތުތައް މިހާރަށްވުރެ ފަހިކުރުން، ފުޅާކުރުން. އަދި ހަމައެހެންމެ، ފަރަންސޭސިވިލާތަކީ ރާއްޖެއަށް ޓުއަރިސްޓުން ވަރަށްގިނަ ޢަދަދަކަށް އަންނަ ޤައުމެއް. އަދި އެކަމާ ގުޅޭގޮތުން ޓުއަރިޒަމްގެ އެކިއެކި ފަރާތްތަކާ ވާހަކަ ދައްކައި ހެދުމަކީވެސް އަޅުގަނޑުމެންގެ ވަރަށްބޮޑު ބޭނުމެއް. ފަރަންސޭސިވިލާތަށް މިހާރު ރާއްޖެއިން މަސްބޭރުކުރާ މިންވަރުވެސް މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. އެހެންވީމާ، އެކަމާ ގުޅޭގޮތުން އެބޭފުޅުންނާ ވާހަކަ ދެއްކުމަކީވެސް އަޅުގަނޑުގެ މިދަތުރުގެ އެއްބޭނުން.

ފަރަންސޭސިވިލާތުން ދެން އަޅުގަނޑު ދާން ހަމަޖެހިފައިއޮތީ ޖެނީވާއަށް، ސްވިޓްޒަރލަންޑަށް. ސްވިޓްޒަރލަންޑްގައި އަޅުގަނޑު މިވަނީ ބައިނަލްއަޤްވާމީ އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާގެ ހައިލެވެލް ސެގްމަންޓްގައި އަޅުގަނޑަށް ތަޤްރީރު ކުރުމަށް ދަޢުވަތު ދީފައިވާތީވެ، އެ ތަޤްރީރު ކުރުމަށްޓަކައި އަޅުގަނޑު މިދަނީ. އެ ބައްދަލުވުމުގައި އަޅުގަނޑު ތަޤްރީރު ކުރަން ހަމަޖެހިފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭގޮތުން. އަދި ވަކިން ޚާއްޞަކޮށް، މިހާރު ބައިނަލްއަޤްވާމީ ދުނިޔޭގައި މިނިވަންކަމަށް، ޑިމޮކްރަސީއަށް ހިނގަމުންމިދާ ޙަރަކާތްތައް، އަދި ވަކިން ޚާއްޞަކޮށް މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ޑިމޮކްރަސީގެ ޙަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަކީ، މިފަހަރުގެ މިބައްދަލުވުމުގައި ހިނގާނެ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވެފައި އޮތީ.

މިދަތުރު ވީހާވެސް އަވަހަކަށް އަޅުގަނޑު މިހުރިހާ ރަށަކަށް ގޮސް އަޅުގަނޑަށް އެނބުރި އެބަ އާދެވޭ ހަފްތާއެއްގެ ތެރޭގައި. ބައެއް ރަށްރަށުގައި އަޅުގަނޑަށް ލިބެނީ 30 ގަޑިއިރު، 20 ގަޑިއިރު، 48 ގަޑިއިރު، މިގޮތަށް. އެހެން ނަމަވެސް، މިދަތުރުތަކަކީ މާކުރިއްސުރެ ފަށައިގެން ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކެއް. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި، މިދަތުރުތައް ކުރުމުން ރާއްޖެއަށް އެހީތެރިކަމާއި ތަރައްޤީގެ އެތައް ފުރްޞަތެއް ފަހިވެގެންދާނެ ކަމަށް ޤަބޫލުކުރެވޭ.

މިފަހަރުގެ ސާކް ސަމިޓަށް އަޅުގަނޑުމެން ތައްޔާރުވަމުން މިގެންދަނީ، މީގެކުރީގައި މިބާވަތުގެ ކަންކަމަށް އަޅުގަނޑުމެން ތައްޔާރުވަމުން އައި ގޮތަކަށެއް ނޫން. އަޅުގަނޑު ކުރީ ދުވަހަކު ދަންނަވާފައިވާނެ، ސަމިޓާ ގުޅުވައިގެން ސިޓީއެއްގެ ބޭނުންވާ މައިގަނޑު ވަސީލަތްތައް އެބަ ޤާއިމް ކުރެވެއޭ. އަދި އައްޑުއަތޮޅާއި ފުވައްމުލަކުގެ ވަރަށްގިނަ މަސައްކަތްތައް އެބަ ކުރެވެއޭ. ސާކް ސަމިޓްގެ ދުވަސްވަރާ، އެއީ، ނޮވެމްބަރ އެކަކުއްސުރެ އައިސް ނޮވެމްބަރ ތޭރައާ ދެމެދުގައި، މުޅި ދެކުނުގެ ސަރަޙައްދުގައި، އެއީ ދެކުނު ޕްރޮވިންސްގައި، އައްޑޫގައާއި ފުވައްމުލަކުގައި މިވަނީ ވަރަށްބޮޑު ސާކް ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައި. މި ފެސްޓިވަލްތެރޭގައި ހިމެނޭ ކަންތައްތައް ވަރަށްގިނަ. އެއީ މަސްވެރިކަމުގެ ފެއަރއެއް، މަޢުރަޒެއް އެބައޮތް. އަދި ހަމައެހެންމެ، ދަނޑުވެރިކަމާއި ކާބޯތަކެތި ދައްކާލަދޭ މަޢުރަޒެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައި. އަދި އައްޑުއަތޮޅުގައާއި ފުވައްމުލަކުގެ އެތައްއެތައް ކެފޭތަކަކާއި، ސައިހޮޓާތަކަކާއި އަދި އެބާވަތުގެ ކިތަންމެ ތަނެއްގައި މިޔުޒިކާއި ޘަޤާފީ ކުޅިވަރުތައް ހިނގަމުންދާނެ. މުޅި މިދެންނެވި 11، 12 ދުވަސް އެކީގައި ކާނިވަލެއްގެ ގޮތުގައި އެސަރަޙައްދުގައި ކަންކަން ހިންގުމަށް ސަރުކާރުން މިހާރު މިވަނީ މަސައްކަތްތައް ފަށާފައި. މިދުވަސްވަރުގެ ތެރޭގައި، ގުޑި އެރުވުމުގެ މުބާރާތެއް ވަކިން އެބައޮތް، ޚާއްޞަކޮށް ހަމަޖެހިފައި. އަދި ޘަޤާފީ ކުޅިވަރުތައް، ސާކް ޤައުމުތަކުގެ ފަރާތުން އައިސް ދައްކާލަދިނުން އެބައޮތް. އޭގެތެރޭގައި، ދުރުން އަންނަ ޤައުމެއް، މެހްމާނެއް، ސާކްގެ އޮބްޒާރވަރެއްގެ ގޮތުގައި ޗައިނާ ބައިވެރިވޭ. އެހެންވީމާ، ޗައިނާގެ ޘަޤާފީ ކުޅިވަރުތައް ދައްކާލުންވެސް މިފަހަރުގެ މި ސާކް ފެއަރގައި އެބައޮތް.

ސާކް ފެއަރގައި ކުޅިވަރުތަކުގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ހުރިހާ ރަށު ކައުންސިލަކަށް ޤައުމީ އިދާރާތައް މެދުވެރިކޮށް އަންގަވާނެ. މި އެންގުމަށް ވީހާވެސް ގިނަ ރަށު ކައުންސިލަކުން އެދުމަށް. މިއެދުމަށް ވީހާވެސް ގިނަ ރަށު ކައުންސިލަކުން އިޖާބަ ދިނުމަކީ، ސަރުކާރުގެ ވަރަށްބޮޑު އެދުމެއް. އަދި ސަރުކާރު ވަރަށް އެދޭ ކަމެއް. އެއީ ޘަޤާފީ ކުޅިވަރުތައް، ބެރުޖެހުން، ތާރަޖެހުން، ލަނގިރި ޖެހުން، މިހެންގޮސް މިބާވަތުގެ ކޮންމެ ކުޅިވަރަކަށްވިޔަސްވެސް، ބަނޑިޔާ ޖެހުން އަދި އެކި ބާވަތްބާވަތުގެ ކަންކަން ދައްކާލަދޭ ކުޅިވަރުތައް، ސާކް ސަމިޓްގެ މިދުވަސްވަރުގައި، އައްޑުއާއި ފުވައްމުލަކުގައި ބޭއްވުމަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން. އެހެންވީމާ، ވީހާވެސް ގިނަ ރަށެއްގެ ކައުންސިލަކުން މިދެންނެވި މަސައްކަތަށް، މިދެންނެވި ކަންކަމުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް، ޤައުމީ އިދާރާތައް މެދުވެރިކޮށް އަންގައިދިނުމަކީ، ސަރުކާރުގެ ވަރަށްބޮޑު ބޭނުމެއް.

އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ މި ސަމިޓް އެއީ، މި ރާއްޖެ އަލުން އަނބުރާ އަނެއްކާ މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ސަމިޓެއް. އަޅުގަނޑުމެންނަށް ކަންކަން ހިންގޭ މިންވަރާއި އަދި އަޅުގަނޑުމެންނަށް ކަންކަމަށް ތައްޔާރުވެވޭ މިންވަރާއި އަދި އަޅުގަނޑުމެން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާގޮތާއި އަދި މި ރާއްޖޭގައި ކުރެވެންހުރި ވިޔަފާރިތަކާއި، މި ރާއްޖެއިން ގަނެވެންހުރި ތަކެތި، މިފަހަރު މުޅި ދުނިޔޭގެ ކިތަންމެ ބަޔަކަށް ފެނިގެންދާނެ ގޮތަކަށް ސަމިޓްގެ ކަންތައްތައް ރޭވިފައި މިވަނީ. އެހެންވީމާ، އަޅުގަނޑު ދެކެނީ، ސަމިޓްގެ ސަބަބުން އަޅުގަނޑުމެން އުންމީދުކުރި މިންވަރަށްވުރެ މާބޮޑަށް ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެގެންދާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم