ސާކް ސަމިޓްގެ ދުވަސްވަރު އައްޑޫސިޓީއާއި ފުވައްމުލަކުގައި ވަރަށްބޮޑު ސާކް ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިފަހަރުގެ ސާކް ސަމިޓަށް ތައްޔާރުވަމުންދަނީ، މީގެކުރީގައި މިބާވަތުގެ ކަންކަމަށް ތައްޔާރުވަމުން އައި ގޮތަކަށް ނޫން ކަމަށާއި، މިސަމިޓާ ގުޅުވައިގެން، ސިޓީއަކަށް ބޭނުންވާ މައިގަނޑު ވަސީލަތްތައް، މި ދެއަތޮޅުގައި ޤާއިމްކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސާކް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި މިވަނީ ނޮވެމްބަރު 1 ން ފެށިގެން ނޮވެމްބަރ 13 އާ ދެމެދު ކަމާއި، މި މުއްދަތުގައި ކާނިވަލެއްގެ ގޮތުގައި، އެ ސަރަޙައްދުގައި ކަންކަން ހިންގުމަށް ސަރުކާރުން މިހާރުވަނީ މަސައްކަތްތައް ފަށްޓަވާފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެގޮތުން، މި ފެސްޓިވަލްގެ ތެރޭގައި، މަސްވެރިކަމުގެ ފެއަރއަކާއި، ދަނޑުވެރިކަމާއި ކާބޯތަކެތި ދައްކައިދޭ މަޢުރަޒަކާއި، މިއުޒިކާއި ޘަޤާފީ ކުޅިވަރުތައް ދައްކާލުން އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސާކް ފެއަރ ކުޅިވަރުތަކުގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުރިހާ ރަށު ކައުންސިލަކަށް ޤައުމީ އިދާރާތައް މެދުވެރިކުރައްވައި އަންގަވާނެ ކަމަށާއި، ވީހާވެސް ގިނަ ރަށު ކައުންސިލަކުން މިކަމަށް އިޖާބަ ދެއްވުމަކީ ސަރުކާރުގެ ވަރަށްބޮޑު އެދިވަޑައިގަތުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، މިފަހަރުގެ ސާކް ސަމިޓަކީ، މިރާއްޖެ އަލުން އަނބުރާ މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ސަމިޓަކަށްވާނެ ކަމުގައި ވިދާޅުވިއެވެ. ސަމިޓްގެ ކަންތައްތައް ރޭވިފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާ ގޮތާއި، ރާއްޖޭގައި ކުރެވެންހުރި ވިޔަފާރިތަކާއި، ރާއްޖެއިން ގަނެވެންހުރި ތަކެތި، ދުނިޔޭގެ ކިތަންމެ ބަޔަކަށް ފެނިގެންދާނެ ގޮތަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، އެމަނިކުފާނު އިނގިރޭސިވިލާތަށާއި، ކެނެޑާއަށާއި، ފްރާންސަށާއި، ސްވިޓްޒަރލަންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވައި، އެދަތުރުފުޅުގެ އިތުރު ތަފްޞީލު ދެއްވިއެވެ. އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، މޭރީ ރޮބިންސަން ފައުންޑޭޝަންގެ ފަރާތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބާއްވަވާ ބައްދަލުވުމެއްގައި ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކެނެޑާއަށް ކުރައްވާ ދަތުރުފުޅަކީ، ކެނެޑާގެ ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގައި ރާއްޖެއާ ގުޅޭ ފިލްމެއް އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، މިފަދަ ފިލްމަކުން މުޅި ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެގެންދާ މިންވަރު، އެތައް ތަނަކުން ބޮޑުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފަރަންސޭސިވިލާތަށް ކުރައްވާ ދަތުރުފުޅަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ތަރައްޤީއަށް އެހީދޭ ފަރަންސޭސިވިލާތުގެ އެކިފަރާތްތަކާ އެކުގައި މަސައްކަތް ކުރުމުގެ ފުރްޞަތު، މިހާރަށްވުރެ ފަހިކުރައްވައި، ފުޅާކުރެއްވުމަށް މިދަތުރުފުޅުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސްވިޓްޒަރލަންޑަށް ކުރައްވާ ދަތުރުފުޅަކީ، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާގެ ހައިލެވެލް ސެގްމަންޓްގައި ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންނެވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ. އެބައްދަލުވުމުގައި އެމަނިކުފާނު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ، އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އެމަނިކުފާނު ހަތަރު ޤައުމަކަށް މިކުރައްވާ ދަތުރުފުޅުގެ ސަބަބުން، ރާއްޖެއަށް އެހީތެރިކަމާއި، ތަރައްޤީގެ އެތައް ފުރްޞަތުތަކެއް ފަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.