ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން ޙަސަން ނޫރައްދީން ދެވަނައިގެ ހުވަފަތް އަނބިކަނބަލުން އަދި ޙަސަން ނޫރައްދީންގެ އެންމެ ހަގު ދަރިކަނބަލުން އައްނަބީލާ ޒަރީނާ ނޫރައްދީންގެ ލޮބުވެތި މަންމާފުޅު ޚަދީޖާ އިބްރާހީމް (ގާގޭދީދީ) އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޚަދީޖާ އިބްރާހީމް އަވަހާރަވީ ވަރަށްގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ރޭ ފަތިހުއެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 93 އަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބް މިއަދު އާ ސަހަރާއަށް ވަޑައިގެން، ޚަދީޖާ އިބްރާހީމްގެ މޫނު ދެކެވަޑައިގެން، ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދު ކުރެއްވިއެވެ. އަދި މި ޚަބަރު ރައީސުލްޖުމްހޫރިއްޔާ އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، މިވަގުތު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވުމާއެކު، ޖަނާޒާގައި ބައިވެރިވެވަޑައިނުގެންނެވުނީތީ ރައީސުލްޖުމްހޫރިއްޔާ ހިތާމަ ކުރައްވާ ކަމުގައި ވިދާޅުވިއެވެ.