ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން "ދިވެހިބަހުގެ އެކެޑަމީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2011 އޯގަސްޓް 8 ވަނަ ދުވަހު އުފައްދަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިބަހުގެ އެކެޑަމީ ހިނގަމުންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ދިވެހިބަހުގެ އެކެޑަމީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 430 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
ދިވެހި ބަހުގެ އެކެޑަމީގެ މައިގަނޑު މަސްއޫލިއްޔަތުތައް ޤާނޫނު ނަންބަރު  2011/9 ގެ 15 ވަނަ މާއްދާގައިވަނީ ބަޔާންކޮށްފައެވެ. އެ މަސްއޫލިއްޔަތުތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.

 

ދިވެހިބަހުގެ އެކެޑަމީގެ މަސްއޫލިއްޔަތުތައް
 
1.     ދިވެހިބަސް ޙިމާޔަތްކޮށް ތަރައްޤީކުރުމަށްޓަކައި މަސައްކަތްކުރުން.
2.     ދިވެހިރާއްޖޭގެ އިދާރީ ހިންގުމާއި، ވިޔަފާރިއާއި، ތަޢްލީމާއި، އެހެނިހެން ޢާންމު މުޢާމަލާތުތަކުގައި އެންމެ ބޮޑަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދަމަހައްޓައި ދިވެހިބަސް ފެތުރުން.
3.     ދިވެހިބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި އުޞޫލުތައް ކަނޑައަޅައި ބަހުގެ ގަވާއިދު އެކުލަވާލައި މިކަންކަން ޢާންމުކޮށް ފެތުރުން.
4.     ދިވެހިބަހުގެ ގަވާއިދާއި ބަސްބޭނުންކުރުމުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ބަސް ބޭނުންކުރަމުން ގެންދޭތޯ ބަލައި، ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
5.     ދިވެހިންގެ ޘަޤާފަތާއި، އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމާބެހޭ ހޭލުންތެރިކަން އިތުރުކޮށް އެކަންކަން ދިރުވައި އާލާ ކުރުން.
6.     ދިވެހިބަހާއި، ތާރީޚާއި، ޘަޤާފަތާއި، ތަރިކައާބެހޭ މަޢްލޫމާތު ޢާންމުކުރުމުގައި އެ މަޢްލޫމާތުގެ ޞައްޙަކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
7.     ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކުގެ ތެރެއިން ދިވެހިބަހާއި، އަދަބިއްޔާތާއި، ޘަޤާފަތާއި، ތަރިކައާބެހޭ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުން.
8.     ދިވެހިބަސްފޮތްތައް އެކުލަވާލައި ޝާއިޢު ކުރަމުންގެންދިޔުން.
9.     ދިވެހިބަހާއި، ތާރީޚާބެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ރާވައި، ފަރުމާކޮށް، ހިންގުން.
10.ދިވެހިބަހާއި، ތާރީޚާބެހޭ ޢިލްމީ ދިރާސާތަކާއި، ޢިލްމީ ޙަރަކާތްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގުން.
11.ދިވެހިބަހާއި، ތާރީޚާބެހޭ ފޮތާއި، މޮނޮގްރާފާއި، ރިޕޯޓުތަކާއި، މަޖައްލާތަކާއި، މިފަދަ އެންމެހައި ތަކެތި ޝާއިޢުކުރުމާއި، ދިވެހިބަހާއި، ތާރީޚާބެހޭ މަޢްލޫމާތު ގިންތިކޮށް، ތަރުތީބުކޮށް، ފަތުރާ މަރުކަޒެއްގެ ގޮތުގައި ޙަރަކާތްތެރިވުން.
12.ދިވެހިބަހާއި، ތާރީޚާބެހޭ ކުރު ކޯސްތަކާއި ޕްރޮގްރާމްތައް އަމިއްލަ ފަރާތްތަކައި ދައުލަތުގެ އެކި މުއައްސަސާތަކަށް ހިންގުމާއި ހިންގުވުން.
1.     ސެމިނަރތަކާއި، މައުރަޒުތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ކޮންފަރަންސްތައް އަމިއްލައަށް ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން އިންތިޒާމުކޮށް ހިންގުވުން.
2.     ދައުލަތާއި އެހެން ފަރާތްތަކުން އެކިއެކި އެހީތައް ލިބިގަތުމާއި، އެ ފައިސާ، ތަނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ބޭނުންކުރުން.
15. މި ޤާނޫނުގައިވާ ގޮތުގެމަތިން، އެކެޑަމީން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.