ބްލެކްބެރީގެ ޚިދްމަތް ރާއްޖެއަށް ތަޢާރަފްވުމަކީ، މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމާއި، މިނިވަން މާޙައުލެއްގައި މަޢުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ދިވެހީންނަށް ލިބިފައިވާކަން އަންގައިދޭ ކަމެއް ކަމުގައި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްލެކްބެރީގެ ޚިދްމަތް ތަޢާރަފްކުރުމަށްޓަކައި، ވަޠަނިއްޔާ ޓެލެކޮމް މޯލްޑިވްސްއާއި ކިޔުޓެލް އިންޓަރނޭޝަނަލް އެންޑް ރިސަރޗް އިން މޯޝަން ގުޅިގެން، ރޭ ނޭޝަނަލް އާޓްސް ގެލެރީގައި ބޭއްވެވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޮނގުން ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ބްލެކްބެރީ ފަދަ ފެންވަރު ރަނގަޅު ބްރޭންޑްއެއް ރާއްޖެއަށް ގެނައުމަކީ ބޭރުފަރާތްތަކުން ރާއްޖޭގެ ވިޔަފާރި އިންޑަސްޓްރީއަށް ކުރާ އިތުބާރު އިތުރުވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި، އެންމެފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުކުރުމަކީ އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި، ހެޔޮ ޑިމޮކްރަސީއަކާއި، މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމާއި، މިނިވަންކަމާއެކު މަޢުލޫމާތު ބަދަލުކުރުމަށްޓަކައި ބޭނުންކުރެވިދާނެ އާ މުޥާޞަލާތީ ވަސީލަތްތައް ތަޢާރަފުވެ، ދިވެހީން އޭގެ ބޭނުން ހިފަމުން ދިޔުމަކީ، ރާއްޖޭގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް ކަމުގައި ވިދާޅުވިއެވެ.