ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، އިނގިރޭސިވިލާތަށާއި، ކެނެޑާއަށާއި، ފްރާންސަށާއި އަދި ސްވިޓްޒަރލަންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިރޭ ފަށްޓަވައިފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ޚަބަރުފަތުރާ ވަސީލަތްތަކަށް މިދަތުރުފުޅާގުޅޭގޮތުން މަޢްލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، މޫސުމަށް އަންނަމުންދާ ބަދަލުތަކާގުޅޭގޮތުން އަޔަރލޭންޑުގެ ކުރީގެ ރައީސާ މޭރީ ރޮބިންސަން ބާއްވަވާ ބައްދަލުވުމެއްގައި ޝަރަފުވެރި މެހްމާނުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެނެޑާއަށް ކުރައްވާ ދަތުރުފުޅަކީ، ޓޮރޮންޓާގައި މިހާރު ކުރިއަށްދާ ބައިނަލްއަޤްވާމީ ފިލްމް ފެސްޓިވަލްގައި ރާއްޖެއާ ބެހޭ ޑޮކިއުމެންޓްރީ ފިލްމެއް އެޅުވުމަށް ހަމަޖެހިފައިވާތީ، އެ ފިލްމު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިރަސްމިއްޔާތުގައި، ދުނިޔޭގެ ތިމާވެށީގެ ޙިމާޔަތުގަޔާއި، އެކަމާ ގުޅޭ އަދަބީ އަދި ފަންނީ ރޮނގުތަކުގައި ބައިނަލްއަޤްވާމީ ގޮތުން ނަންހުރި ބައެއް ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތުމަށްވެސްވަނީ ހަމަޖެހިފައެވެ.

ފަރަންސޭސިވިލާތަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި، ފަރަންސޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާއި ބައެއް ވަޒީރުންނާ ބައްދަލުކުރައްވައި ރާއްޖެއަށް ފަރަންސޭސިވިލާތުން ތަރައްޤީގެ އިތުރު އެހީތައް ހޯއްދެވުމާބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ޖެނީވާއަށް ކުރައްވާ ދަތުރުފުޅުގައި އިންސާނީ ޙައްޤުތަކާބެހޭ އ.ދ.ގެ ޖަމްޢިއްޔާއިން ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވާނެއެވެ.