ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި، ފާދިއްޕޮޅު ކުރެންދޫ ބޮޑުގަސްދޮށުގޭ އަލްއުސްތާޛު ޙުސައިން އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. އަލްއުސްތާޛު ޙުސައިން އިބްރާހީމް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ދައުރުގެ މައްޗަށް ބައްލަވާލައްވައި، ރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާ ކުރެއްވުމަށް އަލްއުސްތާޛު ޙުސައިން އިބްރާހީމް މަސައްކަތް ކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ކުރިން، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، ޙުސައިން އިބްރާހީމް ކުރެއްވިއެވެ.

އަލްއުސްތާޛު ޙުސައިން އިބްރާހީމަކީ މީގެކުރިން ޝަރްޢީ ދާއިރާގައިވެސް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ބައެއް ކޯޓުތަކުގެ ޤާޟީކަން އޭނާވަނީ ކުރައްވާފައެވެ. އޭގެތެރޭގައި، ކޯޓު ނަންބަރު 1ގެ ޤާޟީ ކަމާއި، ކޯޓު ނަންބަރު 2ގެ ޤާޟީ ކަމާއި، ކޯޓު ނަންބަރު 3ގެ ޤާޟީ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޤާޟީކަން ހިމެނެއެވެ.