ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ދެބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމަށް ހެންވޭރު ނީލްވިލާ އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިނާއި، މިނިސްޓަރ އޮފް ސްޓޭޓް، މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ ކަމަށް ހެންވޭރު ހިކިފިނިފެންމާގޭ ޢުމަރު ޢަބްދުއްރައްޒާޤެވެ.

މިދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެދެބޭފުޅުންވެސް ސަރުކާރަށް ޚިދްމަތް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މިދެބޭފުޅުންގެ ތެރެއިން ލުބްނާ މުޙަންމަދު ޒާހިރު ޙުސައިން މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު ކަމުގެ މަގާމުގައެވެ.