ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު ނ. ހެނބަދޫ ނޫރާނީމާގޭ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، އެ ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މިނިވަން ޝަރުޢީ ނިޒާމެއް ޤާއިމު ކުރެއްވުމަށް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު މަސައްކަތް ކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ކުރިން، ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚް ޔޫސުފް ޙުސައިންގެ ކުރިމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ކުރެއްވިއެވެ.