ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރޫސް ލެވީ، މިއަދު ހެނދުނު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ކެނެޑާގެ ޓޮރޮންޓޯއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން މިދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅަކަށްވާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކެނެޑާގެ ސަފީރުގެ ވާހަކަފުޅުގައި، ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި، "ދި އައިލެންޑް ޕްރެޒިޑެންޓް" ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވިއެވެ.

"ދި އައިލެންޑް ޕްރެޒިޑެންޓް" އަކީ ދުނިޔެ ހޫނުވުމާއި ތިމާވެށްޓަށް ލިބެމުންދާ ތަފާތު ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެމެރިކާގެ މަޝްހޫރު ޑޮކިއުމެންޓްރީ ފިލްމް ކުންފުންޏެއް ކަމަށްވާ އެކްޗުއަލް ފިލްމްސުން އުފައްދާފައިވާ ޑޮކިއުމެންޓްރީ ފިލްމެކެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބު ބައިވެރިވަޑައިގެންނެވިއެވެ.