ފޯރ ސީޒަންސް ރިޒޯޓް މޯލްޑިވްސް އެޓް ކުޑަހުރާގައި ކުރިއަށްދިޔަ، ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރި މުބާރާތް ނިންމުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. ކުޑަހުރާ ބޭރުގައި އަޅާފައި އޮތް ލަގްޒަރީ ކަޓަމަރާން، ފޯރ ސީޒަންސް އެކްސްޕްލޯރަރގައި ބޭއްވުނު މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުޅި މުބާރާތުގެ އެއްވަނައަށް ދިޔަ ފަރާތަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމާއި އެމީހުންގެ އާމްދަނީ ކަނޑާ ގުޅިފައިވާ މިންވަރުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ މަސްވެރިން އެއްގަމުގައި ހޭދަކުރާ ވަގުތަށްވުރެ ކަނޑުމަތީގައި ހޭދަކުރާ ވަގުތު ގިނަކަން ފާހަގަކުރައްވަމުން، ރާއްޖޭގެ މަސައްކަތްތެރިންގެ ތެރެއިން 44 އިންސައްތައަކީ، މަސްވެރިން ކަމުގައި ވިދާޅުވިއެވެ.

ކުޑަހުރާގައި ކުރިއަށްދިޔަ ރާޅާ އެޅުމުގެ މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަނުން ބައިވެރިވިކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށާއި، މި މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިއީ، ރާއްޖޭގައި ތިބި ރާޅާ އަޅާ ޒުވާނުންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެ، ގިނަގިނައިން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ދުނިޔޭގެ ޗެމްޕިއަނުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.