ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވުނުތާ، އަންނަ އަހަރަށް 40 އަހަރު ފުރޭތީ އެކަން ފާހަގަކުރުމަށްޓަކައި މާލޭގައި ޘަޤާފީ ޝޯއެއް އިންތިޒާމްކުރި ޗައިނާ ލިޓަރޭޗަރ އެންޑް އާޓްސް ފައުންޑޭޝަނުގެ ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ ފަރާތުން މާލޭގައި ޢިމާރާތްކޮށްފައިވާ ނޭޝަނަލް އާޓް ގެލެރީއާއި، ދާރުލްއާޘާރު އިމާރާތްކޮށްދެއްވިކަމަށްޓަކައި ޗައިނާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔުމާއެކު، ދިވެހިންނަށް ޗައިނާ ބަސް އުނގަންނައިދިނުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ޗައިނާ ވަފްދުގެ ބޭފުޅުންގެ ވާހަކަފުޅުގައި، މިފަހަރު ރާއްޖެއަށް މިކުރެއްވި ދަތުރު ވަރަށް ކާމިޔާބު ކަމަށާއި، ޝޯ ތަކަށް ދިވެހިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ސާކް ސަމިޓުގައި ޝޯ އެއް ހުށަހަޅައިދިނުމުގެ ޝައުޤުވެރިކަން ވަފްދުގެ ބޭފުޅުން ފާޅުކުރެއްވިއެވެ.