ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ސެލިސްބަރީގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލް، ޑޭވިޑް ހާޑިންގހަމް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މަޝްވަރާ ކުރެއްވީ، ލާމަރުކަޒީ އުޞޫލުން ރަށްތައް ހިންގުމަށްޓަކައި، ބޭނުންވާ މީހުން އުފެއްދުމަށް މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ހަމަޖެއްސެވުމާ ބެހޭގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ރާއްޖެއަށް އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ޑޭވިޑް ހާޑިންގހަމް، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބު ބައިވެރިވަޑައިގެންނެވިއެވެ.