ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ޔުނެސްކޯގެ ނިއުދިއްލީ އޮފީހުގެ ޑިރެކްޓަރ އަދި މޮރީޝަސްގެ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ މިސްޓަރ ޕަރުސުރަމެން މިއަދު ހެނދުނު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޮރީޝަސް ދެޤައުމުގެ ދެމެދުގައިވާ ގުޅުން، އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، އަދި ޚާއްޞަކޮށް، ވިޔަފާރިއާއި ތަޢުލީމީ ދާއިރާއިން ރާއްޖެއާއި މޮރީޝަސްއާ ދެމެދު ކުރެވޭ މުޢާމަލާތުތައް، އިތުރު ކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙާއި، އިޤްތިޞާދީ ޙާލަތާއި، ރާއްޖޭގެ ތަރައްޤީގެ މައްޗަށް ބައްލަވާލެއްވިއެވެ. މީގެއިތުރުން، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓުގެ ތައްޔާރީތަކާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
މިސްޓަރ ޕަރުސުރަމެން ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ އެއްބާރުލުން އިތުރުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް މޮރީޝަސްގެ ސަރުކާރުން ތާއީދު ކުރައްވާ ކަމަށާއި، އެކަންކަން ޙަޤީޤަތަކަށް ހެއްދެވުމަށް އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބު ބައިވެރިވަޑައިގެންނެވިއެވެ.