ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.

[މި ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ. މި ޢީދު އަޅުގަނޑުމެންނަށް ގެނެސްދޭ އެންމެ މަތިވެރި ހަނދާނަކީ، އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމުގެ ހަނދާނެވެ. ހަމައެއާއެކު، ޢާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ހަނދާނެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތިންނަށް އެހީތެރިވެ، ޢާއިލީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް، މިފުރްޞަތުގައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. މާތްރަސްކަލާނގެ މި ޢީދުގެ ދުވަސްތައް ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ދުވަސްތަކެއް ކަމުގައި މިންވަރު ކުރައްވާށިއެވެ!]

މި މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މިމުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަ ގެންދަވައެވެ.